ޗައިނާއިން އެމެރިކާއަށް ކުރާ މުހިންމު އެކްސްޕޯޓްތަކެއް ހުއްޓާލުމަށް ނިންމައިފިއެވެ.

މިއީ އެމެރިކާއިން ޗައިނާގެ ޓެކްނޮލޮޖީއަށް ކުރިން ގެނައި ހަނިކުރުންތަކަށް ޖަވާބުދާރީވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

Ad
rt

ޗައިނާގެ ވިޔަފާރި މިނިސްޓްރީން މިއަދު ބުދަ ދުވަހު ބުނެފައިވަނީ، ގެލިއަމް، ޖަރމޭނިއަމް، އެންޓިމޮނީ އަދި ސުޕަރހާޑް މެޓީރިއަލްސް ފަދަ ޗިޕް އުފެއްދުމަށް ބޭނުންކުރާ މުހިންމު މާއްދާތައް އެމެރިކާއަށް އެކްސްޕޯޓް ކުރުން މަނާކުރާ ކަމަށެވެ.

މީގެ އިތުރުން ގްރެފައިޓްގެ ވިއްކުންތައްވެސް ހަނިކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅަނީ ޤައުމީ ސަލާމަތާއި މަސްލަހަތު ރައްކާތެރިކުރުމަށް ކަމަށެވެ. އަދި މިއީ ޗައިނާގެ އެކްސްޕޯޓް ކޮންޓްރޯލް ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅާ ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ، އެމެރިކާއިން ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި މި ހަނގުރާމަ ފަށައިގަނެފައި ކަމަށެވެ. އެމެރިކާއިން ވަނީ ޤައުމީ ސަލާމަތުގެ މަފްހޫމް ފުޅާކޮށް، އިޤްތިޞާދީ، ވިޔަފާރި އަދި ޓެކްނޮލޮޖީގެ މައްސަލަތައް ސިޔާސީކޮށް، ހަތިޔާރަކަށް ހަދާފައި ކަމަށް އެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ހަފްތާގެ ކުރީކޮޅު، ބައިޑެން އިދާރާއިން ވަނީ ޗައިނާއަށް ސެމިކޮންޑަކްޓަރ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުން މަނާކުރާ އައު ޤަވާއިދުތަކެއް އިއުލާނުކޮށްފައެވެ. މިއީ ބީޖިންގ އިން ޒަމާނީ ހަތިޔާރާއި އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ބިނާކުރުމުގެ ޤާބިލުކަން ހަނިކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެމެރިކާއިން ބުނެއެވެ.