ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވައިލަން އެ ޕާޓީގެ ސެނެޓުން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ މިހާރު ކުރިއަށް ގެންދާ ޕީޕީއެމް ސެނެޓް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ، އެ ޕާޓީގެ ދެ ނައިބު ރައީސުން އަދި ދެ ވަޒީރުންކަމަށްވާ އަހުމަދު ޝިޔާމާއި، މުހައްމަދު ޣައްސާން މައުމޫނެވެ.

Ad
rt

އެ ޕާޓީ އުވާލަން ހުށަހެޅުމުން ނެގުނު ވޯޓުގައި ބައިވެރިވި 42 ސެނެޓަރުން ވެސް ވޯޓުދެއްވީ އެ ޕާޓީ އުވާލަން ފެންނަކަމަށެވެ. އެހެންކަމުން އެ ސެނެޓަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

ޕީޕީއެމް އަކީ މިހާރު ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ދެވަނަ ޕާޓީއެވެ. މި ކޯލިޝަންގެ ޕީއެންސީ ވަރުގަދަކުރުމަށްފަހު، ޕީޕީއެމް އުވައިލާނެކަމަށް ކުރިން ވަނީ އަޑު ފެތުރިފައެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ލައްކައެއް ފަހަނައަޅައި ގޮސްފައިވާކަމަށް އެ ޕާޓީން ވަނީ ދާދިފަހުން ބުނެފައެވެ.

27 އޮކްޓޯބަރު 2011 ގައި ރަޖިސްޓަރީވި ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކުރިއިރު، އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން ފެންނަގޮތުގައި މިވަގުތު ވެސް އެޕާޓީގައި 34،698 މެމްބަރުން އެބަތިއްބެވެ.

ޕީޕީއެމް އަކީ ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ.