ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން އެ ބޭހުގެ އެއްވެސް ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ.
މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ ބޭސްތަކަކީ ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމަށް އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މިގޮތުން މާކެޓުން ބޭހުގެ ސާމްޕަލް ނަގައި މެދުކެނޑުމެންނެތި ޓެސްޓް ކުރަމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މިގޮތަށް ސާމްޕަލްނަގައި ކުރިއަށް ގެންދިޔަ ތަހްލީލްކުރުމެއްގެ ތެރެއިން ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހަކުން ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ފެނިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ،
އެ ކެމިކަލް ފެނިފައިވަނީ ޕާކިސްތާނު ކުންފުންޏެއްކަމަށްވާ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީން އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި އަދި މެލޭޝިޔާގެ ކުންފުންޏެއްކަމަށްވާ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕުންނެވެ.
އެމްއެފްޑީއޭ އިން ބުނީ އެ ދެ ބޭހުގެ ތަހުލީލުތައް އިތުރަށް ޔަގީން ކުރުމަށް ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ދެ ބޭހުގެ އެއްވެސް ބެޗެއް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ބޭސްވިއްކާ ތަންތަނުން، އެ ބޭހުގެ ސްޓޮކް ވަކިކޮށްފައި ބެހެއްޓުމަށް ވެސް އަންގާފަވެއެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!