ފެޑެރޭޝަން އިންޓަނޭޝަނަލް ޑެ ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އިން ތަޢާރަފުކުރާ އައު މޯބައިލް ގޭމް "ފީފާ ރައިވަލްސް" ނެރެން ތައްޔާރުވެފައިވާއިރު، އެގޭމް އޮންލައިންކޮށް ހުރިހާ ޔޫޒަރުންނަށްވެސް ހިލޭ ކުޅޭވޭނެކަމަށް ފީފާއިން ބުނެފިއެވެ.

ވެރައިޓީ މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި ފީފާއިން އަންނަނީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އައު ތަޖުރިބާއެއް ގެނެސްދިނުމުގެ މަޤްޞަދުގައި "ފީފާ ރައިވަލްސް" ގެ ނަމުގައި މުޅިން އައު މޯބައިލް ފުޓްބޯޅަ ގޭމެއް ތައްޔާރުކުރަމުންނެވެ.

Ad
rt

މި ގޭމުގައި ކުޅޭ ފަރާތްތަކަށް އަމިއްލަ ފުޓްބޯޅަ ކްލަބެއް އުފައްދައި، ބިނާކޮށް، އަދި މެނޭޖްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ކުޅުންތެރިންނަށް އެމީހުންގެ ޓީމު ވަރުގަދަކޮށް، އެހެން ކުޅުންތެރިންނާ ދެކޮޅަށް ވާދަކުރެވޭނެއެވެ.

މިތިކަލް ގޭމްސްގެ މައިތޮސް ބްލޮކްޗެއިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މާކެޓްޕްލޭސްތަކެއް މި ގޭމުގައި ހިމެނޭނެއެވެ. މިގޮތުން ކުޅުންތެރިންނަށް ފައިސާ ބޭނުންކޮށްގެން ފުޓްބޯޅަ ތަރިން ގަނެވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވިދާޅުވީ މި ގޭމަކީ އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކަށް ގެނެސްދޭ އައު އަދި އިނޮވޭޓިވް ތަޖުރިބާއެއް ކަމަށެވެ. އަދި މިއީ ފީފާގެ ގޭމިންގ އަދި އީސްޕޯޓްސް ޕޯޓްފޯލިއޯއަށް ގެނެވޭ މުހިންމު އަޕްޑޭޓެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

1993 ގައި ފެށުނު ފީފާ ގޭމް ސީރީޒްއަކީ މިހާރު ދުނިޔޭގެ އެންމެ މަޤްބޫލު ވީޑިއޯ ގޭމް ފްރެންޗައިޒްތަކުގެ ތެރެއިން އެއް ފްރެންޗައިޒްއެވެ. ފީފާ 12 އަކީ އެންމެ އަވަހަށް ވިއްކުނު ސްޕޯޓްސް ގޭމްގެ ރެކޯޑު ހިފަހައްޓާ ގޭމެވެ. އެންމެ ފަހުން ނެރުނު ފީފާ ގޭމް ވަނީ މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ ކޮޕީ ވިއްކާފައެވެ.