އިސްރާއީލުން ޣައްޒާގެ ދެބައިކުޅައެއްބައި ހަލާކުކޮށްލައިފިކަމަށް ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވެއްޖެއެވެ.
ރިއޯ ޑި ޖެނެއިރޯގައި ބޭއްވުނު ޖީ20 ސަމިޓުގެ އަރިމަތީގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު އާބަން ސިޓީސް (ޔޫ20) ސަމިޓުގައި ވާހަކަދައްކަވަމުން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވިދާޅުވެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދެބައިކުޅައެއްބައި ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.
"އިންސާނިއްޔަތުގެ އެންމެ ހިނގާބިނގާވެ އުޅޭ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދުކަމުގައިވާ ޣައްޒާގެ ދެބައިކުޅައެއްބައި ވަނީ ބޭއިންސާފުން ބޮންއެޅުމުގެ ސަބަބުން ހަލާކުވެގެން ގޮސްފައި، އެތާނގެ 80 އިންސައްތަ ސިއްހީ މަރުކަޒުތައް މިހާރު ވަނީ ނެތިގެން ގޮސްފަ. އަދި އެތާނގެ ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި 40،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފަ." ލޫލާ ވިދާޅުވިއެވެ.
ގަދަ ވާރޭވެހުމާއެކުވެސް، އެތައްހާސްބަޔަކު ވަނީ ރިއޯގެ ސިޓީ މަރުކަޒުގައިވާ ކޮޕަކަބާނާ ސަރަހައްދަށް އެއްވެ، އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. ބްރެޒިލްގެ 300 އަށްވުރެ ގިނަ މަދަނީ އަދި ވަޒީފާގެ ޖަމްޢިއްޔާތަކުން ވަނީ މި ބޮޑު މުޒާހަރާގައި ބައިވެރިވެ، "ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ގުޅިގެން އިސްރާއީލާއެކު އޮތް ގުޅުން ކަނޑާލުމަށް" ލޫލާއަށް ގޮވާލާފައެވެ.
މި މުޒާހަރާއަކީ ޖީ20 ސަމިޓާ ދިމާކޮށް ބޭއްވުނު ގިނަ މަދަނީ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. ޖީ20 ސަމިޓަކީ އެ ގްރޫޕުގެ 19 މެމްބަރު ޤައުމުތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އަދި އެފްރިކާ ޔޫނިއަންގެ ބައިވެރިން އެއްވާ ބައްދަލުވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!