ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ފަސްނުޖެހޭނެ ކަމަށް ސާބިއާގެ ރައީސް އަލެކްސަންޑަރ ވުޗިޗް ވިދާޅުވެއްޖެއެވެ. ވުޗިޗް ވިދާޅުވެފައިވީ ރަޝިއާގެ ސަލާމަތާއި ސިފައިންނަށް ނުރައްކާވެ، އެހެން ގޮތެއް ނެތް ހާލަތެއްގައި ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެކަމަށެވެ.

އަންގާރަ ދުވަހު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކި ވާހަކައެއްގައި ވުޗިޗް ވިދާޅުވެފައިވަނީ ދުނިޔެ މިހާރު ވަނީ ނުރައްކާތެރި ހާލަތަކާ ވަރަށް ކައިރިވެފައި ކަމަށެވެ. އަދި ދެން އަޅާ ފިޔަވަޅަކުން ނިއުކްލިއާ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށް އޭނާ ވަނީ އިންޒާރުދެއްވާފައެވެ.

Ad
rt

"މުޅި ދުނިޔެ ހަލާކުވުމާ ހަމައަށް ދިއުމަށް 10 ފިޔަވަޅެއް އޮތްނަމަ، މިހާރު ވަނީ 9 ވަނަ ފިޔަވަޅު ފަހަނައަޅާފައި. އަހަރެން ދަންނަވާނީ، އެމީހުންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް ބޭނުންކުރަން އެއްވެސް މީހަކު ފަސްޖެހިލުމެއް ނުވާނެ،" ވުޗިޗް ބުންޏެވެ.

ވުޗިޗް މިހެން ވިދާޅުވެފައިވަނީ ރަޝިއާގެ ރައީސް ޕޫޓިން އެ ގައުމުގެ ނިއުކްލިއާ ސިޔާސަތު އަޕްޑޭޓްކޮށް، އެކަމާ ގުޅޭ ޤަރާރެއްގައި ސޮއިކުރި ދުވަހުއެވެ. މީގެ ކުރިން ސެޕްޓެމްބަރު 25 ގައި ބޭއްވުނު ރަޝިއާގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުމެއްގައި ޕޫޓިން ވަނީ މި ބަދަލުތަކުގެ ވާހަކަ ހާމަކޮށްފައެވެ.

އަނެއްކޮޅުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދުރަށް ދަތުރުކުރާ މިސައިލް ބޭނުންކޮށްގެން ރަޝިއާގެ އެތެރޭގައި ހަމަލާ ދިނުމުގެ ހުއްދަ ޔުކްރެއިނަށް ދީފައެވެ.

ވުޗިޗް ވިދާޅުވެފައިވަނީ ޕޫޓިންއަކީ އޭނާ ވަރަށް ގާތުން ދަންނަ މީހެއް ކަމަށާއި، މޮސްކޯއާއި ރަޝިއާގެ ސިފައިންނަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ޕޫޓިން އެއްވެސް ވަރަކަށް ފަސްޖެހިލުމެއް ނުވާނެ ކަމަށެވެ. އަދި މިފަދަ ހާލަތަކަށް ސާބިއާ ތައްޔާރުވެފައި ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.