މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަސްރޭސް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.
މި މުބާރާތުން އެއްވަނައަށް 5000 ރުފިޔާ، ދެވަނައަށް 3000 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބޮޑު މަސްބާނާ ފަރާތަށާއި އެންމެ ދިގުމަސް ބާނާ ފަރާތަށް އިނާމެއްގެ ގޮތުގައި 500 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ބައިވެރި ވެވޭނީ ޓީމްތަކަށެވެ. ކޮންމެ ޓީމެއްގައި މަދުވެގެން 3 މެމްބަރުން ގިނަވެގެން 5 މެމްބަރުން ހިމެނޭނެއެވެ. ގާނޫނީގޮތުން ބޭނުން ނުވަތަ ހިފުން މަނާ އެއްވެސް މަހެއް ބޭނުމަކީ މަނާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!