ޤަތަރުން ހަމާސްގެ ސިޔާސީ ލީޑަރުންނަށް އެ ޤައުމުގައި "މަރުހަބާ ނުކިޔާނެ" ކަމަށް އަންގައިފިކަމަށް އިސްރާއީލުގެ މީޑިއާއިން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ ރަސްމީ ބަސް، ހީބްރޫ ބަހުން ނެރޭ "ކަން" ނިއުސް އައުޓްލެޓުން ބުނެފައިވަނީ މި ނިންމުން ހަމާސްއަށް "ފާއިތުވި ދުވަސްތަކުގައި" އަންގާފައިވާ ކަމަށެވެ.
އެމެރިކާގެ ރިޕަބްލިކަން ސެނެޓަރުންގެ ބަޔަކު މިދިޔަ ހަފްތާގައި ބައިޑެން އިދާރާއަށް ސިޓީއެއް ފޮނުވައި، ޤަތަރާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ގޮވާލާފައިވެއެވެ. ސެނެޓް އާމްޑް ސަރވިސަސް އަދި ފޮރިން އެފެއާޒް ކޮމިޓީގެ އިސް މެންބަރުންކަމަށްވާ ސެނެޓަރ ރޮޖަރ ވިކަރ އަދި ޖިމް ރިޝްގެ އިސްނެގުމުގެ ދަށުން، 12 ސެނެޓަރުން ބުނެފައިވަނީ ޤަތަރުގައި ދިރިއުޅޭ ހަމާސްގެ އޮފިޝަލުންގެ އެސެޓްތައް ފްރީޒްކޮށް، އެ ޖަމާޢަތުގެ ލީޑަރު ޚާލިދު މަޝްޢަލް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ވަގުތު އައިސްފައިވާ ކަމަށެވެ.
"ހަމާސް ބަލިކުރުން ވަނީ ކައިރިވެފައެވެ. އަދި އޭގެ ލީޑަރޝިޕަށް ބޭރުގައި ލިބިފައިވާ ރައްކާތެރިކަން ނިމުމަކަށް ގެނައުމަކީ އެ ޖަމާޢަތް ބަލިކުރުމަށް ވަރަށް މުހިންމު ކަމެކެވެ،" ސެނެޓަރުން ލިޔެފައިވެއެވެ.
ޤަތަރުން ވަނީ ހަމާސްއާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ފަސޭހަކޮށްދީފައެވެ. ޤަތަރުން އެއްބައި ފަންޑުކުރާ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގވާ ގޮތުގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދު ވުމަށްފަހު، ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް އިސްރާއީލުގެ އޮފިޝަލެއް ޤަތަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީއާ ބައްދަލުކޮށްފައިވެއެވެ.
އިސްރާއީލުގެ އިންޓެލިޖެންސް ވެރިޔާ ޑޭވިޑް ބަރނިއާ އަދި ސީ.އައި.އޭގެ ޑިރެކްޓަރު ބިލް ބާރންސް ވެސް ވަނީ މަޝްވަރާތަކުގައި ބައިވެރިވެފައެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓަނީ ބްލިންކަން ވަނީ ފާއިތުވި މަހު އާލް ޘާނީއާ ބައްދަލުކޮށް، ޣައްޒާ ސްޓްރިޕްގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށާއި ރަހީނުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތުގައި ޤަތަރުގެ "މުހިންމު" ދައުރު ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!