އާރްއެސްޑަބްލިޔު ފެސިލިޓީގެ ދަށުން ލޯނަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 13 ފަރާތަކަށް ލޯނު ލިބުނުކަމުގެ ލިއުން މިއަދު ހަވާލުކޮށްފިއެވެ.
މިއީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ބެހެއްޓުމަށް އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކަށް އެވޯޑް ލެޓަރ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއް ހަމަޖެހިފައިވާއިރު، މި މަޝްރޫޢު ހުޅުވާލީ ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާއިރު، މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ. އަދި އެސް.ޑީ.އެފް.ސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިޚްތިޔާރުވަނީ ފަހިކޮށްދީފައެވެ.
ސަރުކާރުން ފާހަގަކުރާގޮތުގައި އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!