ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ދިވެހިންނާއި، ބިދޭސީއެެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ ދިވެހިންނަކީ، އަަޙްމަދު ނަޞީރު (45އ) ހއ. ދިއްދޫ / ފާގަތިގެ އަދި ޢަލީ އައިހަމް (18އ) ގއ. ކަނޑުހުޅުދޫ / ނެސްޓް ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ދެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. އެއީ ރޮހަމާން (29އ) އެވެ.
މި ތިން މީހުންގެ ތެރެއިން، އަަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކޮށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިގަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލޭންނެވެ.
ފުލުހުން ބުނީ، ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަަޙްމަދު ނަޞީރު (45އ) ފަސް ދުވަހަށް، ޢަލީ އައިހަމް (18އ) 10 ދުވަހަށް އަދި ރޮހަމާން (29އ) ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!