މިސް ޔުނިވާސް ޕަޖެންޓަކީ، ތައިލެންޑަށް އުފަން ޓްރާންސްޖެންޑާ އަންހެނެއް (އަންހެނަކަށް ހެދިގެން އުޅޭ ފިރިހެނެއް) ގެ ކުންފުންޏެއްކަމަށްވާ ޖޭ.ކޭ.އެން ގްލޯބަލް ގްރޫޕުގެ ބެލެނިވެރިކަމުގެ ދަށުގައި އިންތިޒާމުކުރެވިގެން ބާއްވާ "މުޅި ކައުނުގައިވާ އެންމެ ރީތި އަންހެނާ" ހޮވުމުގެ މުބާރާތެކެވެ.
ދާދި އިހަކަށް ދުވަހު އަޅުގަނޑުމެންނަށް އިވުނު ޚަބަރަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއިން މި މުބާރާތުގައި ބައިވެރިވިކަމަށް ބުނާ ޚަބަރެވެ. އެތައް ބައިވަރު ޚަބަރު ފަތުރާ ވަސީލަތްތަކެއްގައި ދިވެހި ރާއްޖެއިން މިކަމުގައި ފުރަތަމަ ފަހަރަށް ބައިވެރިވި ޚަބަރު ފަތުރައިފައި ވެސް ވެއެވެ. ކޮންމެއަކަސް، ދެން ފެނިގެން ދިޔައީ އެތައް ބައިވަރު ކަންތައްތަކެކެވެ. މި ޤައުމު ދެކެ ލޯބިވާ ކަންވޮށިގެންވާ އެކިއެކި ފަރާތްތަކާއި ދީނަށް ނުހަނު ބޮޑު ޣީރަތްތެރިކަމެއް ވާ މި ވަޠަނުގެ އާންމުންނާއި ދީނީ ޢިލްމުވެރިންގެ އިތުރުން އެތައް ބަޔަކު މިކަމާ ދެކޮޅަށް ވާހަކަ ދައްކަން ފެށިއެވެ. އެއާއެކު ބަޔަކު ނުކުމެ މިއީ ހައްގެއްކަމަށް ބުނެ އެކަން ދިފާއު ވެސް ކުރަން ފެށިއެވެ.
އެހެންކަމުން ހަގީގަތުގައި މި ވަނީ ކީއްބާއެވެ؟ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސެއް ބައިވެރިވުމަކީ އެވަރު ކަމެއް ހެއްޔެވެ؟ މިފަދަ ކަމެއްގައި ބައިވެރިވުމުގައި ދީނީ-އަޚްލާޤީ މައްސަލައެއް އެބަ ވޭ ހެއްޔެވެ؟ އަދި ތަނެއްގައި އޮންނަ މުބާރާތެއްގައި ދިވެއްސެއް ބައިވެރިވުމަކީ، ދިވެހިރާއްޖެ އެކަމެއްގައި ތަމްސީލުވުން ހެއްޔެވެ؟
ދިވެހީންނަކީ، ދުނިޔޭގެ އެތައް ބިލިޔަން މީހުންނަށް ލިބިފައި ނުވާފަދަ އެތައް ބައިވަރު ނިޢުމަތްތަކެއް ﷲ ތަޢާލާ ދެއްވާފައިވާ ބައެކެވެ. ދިވެހީންގެ ވުޖޫދަށް ބަލާއިރު، މިއީ އެއް ޤައުމެއްގެ ގޮތުގައި ވާ، ދީނީ އެއް ފަލްސަފާއެއް ޤަބޫލުކުރާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް އަކުރަކުން ލިޔެ ހަދާ، އިސްލާމީ އުސޫލުތަކުން ބިންގާ އެޅިފައިވާ އެއް ސަގާފަތެއްގެ ވެރި ބައެކެވެ. އެހެންކަމުން މި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އިލްތިމާސްކުރާ ޙާލު، އެއަށް ހަރާންކޯރުނުވުމަށް އަމިއްލަނަފްސަށާއި އެންމެހާ ދިވެހި ދަރީންނަށް ގޮވާލަމެވެ. ﷲ ތަޢާލާ މިފަދަ ބޮޑު ނިޢުމަތެއް ދެއްވީމާ ދެން އެއަށްވުރެ މޮޅު އެހެން ގޮތްތަކެއް ހޯދަން އުޅުމަކީ ނިޢުމަތަށް ހަރާންކޯރުވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމަ އެހެންމެ އިސްލާމީ ރިވެތި އުސޫލުތައް ދޫކޮށް ޣައިރު ދީންތަކުގެ ގޮތްތަކާއި ސަގާފަތަކީ މާ ތަހުޒީބު އަދި މާ މޮޅު ގޮތްތަކެއްކަމަށް ދެކި، އެގޮތަށް ތިމާގެ އުޅުމާއި ގުޅުންތައް ބައްޓަންކުރުމަކީ މުސްލިމަކު ކުރުން ހެޔޮވާނޭކަމެއް ނޫނެވެ.
އިސްލާމްދީނަކީ ފުރިހަމަވެފައިވާ، ޝާމިލު، ކާމިލު ދީނެކެވެ. އެދީނުގެ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށާއި މަކާނަކަށް ފެތޭ ޝަރީޢަތެކެވެ. އެ ޝަރީޢަތުގައި އަޅުކަންތަކާއި ގަނެވިއްކުމުގެ ކަންކަން ބަހައްޓަންކުރާންވީ ގޮތްތަކާއި ހަމަތައް ކިޔައިދީފައިވާފަދައިން، އަޚުލާޤާއި ސުލޫކާއި މީހާގެ މަޡުހަރު ބަހައްޓަންވީ ގޮތް ވެސް ވަނީ ކިޔައިދީފައެވެ. އެގޮތުން ޝަރީޢަތުގެ އެތައް މަޤުޞަދެއް ޙާޞިލުކުރުމަށްޓަކައި ފިރިހެނުންނާއި އަންހެނުންގެ ވެސް ޢަވްރަ އެއް ކަނޑައެޅުއްވުމާއެކު އެބައިތައް ފޮރުވުމަށް ވަނީ އަންގަވާފައެވެ. އަދި ޢަވްރައިގެ ތެރޭގައި ހިމެނޭ ގުނަވަންތަކުގެ ބައްޓަން އިނގޭފަދަ ހެދުންތައް ލުން ނަހީ ކުރެއްވުމާއެކު އެފަދަ ހެދުންތައްލާ މީހުންނަށް ދެވޭ ގަދަފަދަ ޢަޒާބުގެ ވާހަކަތައް ސައްޙަ ސުންނަތުގައި ވެއެވެ. އަދި ޝަރުޢީ ހަމަތަކުން ބޭރުން އަނެއް ޖިންސުގެ އިންސާނާ، ތިމާއަށް ލެންބުމަށްޓަކައި ޒީނަތްތެރިކަން ފާޅުކުރުމާއި އެކިއެކި ވައްތަރުތައް ޖައްސައި ހެދުމަކީ ސާފު ނައްޞުތަކުގެ ޞަރީޙަ ޢިބާރާތްތަކުން ޙަރާމްކުރައްވާފައިވާ ކަންކަމެވެ.
މޮޑެލްކުރުމާއި އެފަދަ މުބާރާތްތަކުގައި ބައިވެރިވެ ހެދުމަކީ މިދެންނެވުނު ކަންކަމާއި އިސްލާމީ ޝަރީޢަތަށް ސީދާ ގޮތުން ގޮންޖެހޭ ކަމެކެވެ. އެކަމުގެ ތެރޭގައި ޝަރީޢަތް ހުއްދަކުރާ ކަމެއް ނުކުރެވޭތާގައި އެއީ ޒިނޭއާއި މިނޫންވެސް ފާޙިޝް ޢަލަމުތަކަށް މީހާ އާއި އެހެން މީހުން ހުށަހަޅުވާ ކަމެކެވެ. އިސްލާމީ މުޖުތަމައެއްގައި އެއްވެސް މުންކަރާތެއް އެއްވެސް ބަޔަކު ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ މިވެނި އެވެނި މުންކަރާތެއް މި ޤައުމުގައި ބަޔަކު ކުރުމަކީ، އިތުރު މުންކަރާތްތައް އީޖާދުކުރަން އޮތް ހުއްޖަތެއް ވެސް ނޫނެވެ. އެފަދައިން ވިސްނުން ބަހައްޓާނަމަ ދުވަހަކުވެސް ކަމެއް އިޞްލާޙެއް ނުވާނެއެވެ. އެހެންކަމުން ރާއްޖޭގައި މިވެނި އެވެނި ނުބައި ކަމެއް ކުރާތީވެ، ދިވެހި އަންހެނެއް، އޭނާގެ މުރުއްވަތާއި އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލައި، ﷲ ތަޢާލާ އޭނާއަށް ފޮރުވައި ރައްކާތެރިކުރަން އެންގެވި ހަށިގަނޑު ބާޒާރުގައި ވިއްކާ މުދަލެއް ފަދައިން އިޝްތިހާރުކުރުމަށް، މިސް ޔުނިވާސް ފަދަ މުބާރާތެއްގައި ބައިވެރިވާން ފުރުސަތު ދޭންވާނެކަމަށް ބުނުމަކީ ދީނަށާއި ޤައުމަށް ވެސް ވެވޭ ބޮޑު ޚިޔާނާތެކެވެ. އެފަދަ ކަމަކަށް ފުރުސަތު ދެވިގެން ނުވާނެއެވެ.
"ހައްގަކީ" ފަހަކަށް އައިސް ނުބައިކަންކަން މުޖުތަމައުތަކަށް ތަޢާރަފުކުރަން ގެންގުޅޭ ބަހެކެވެ. ކޮންމެ ކަމެއް ކޮށްފައި ވެސް އެއީ ތިމަންނާއަށް ލިބިފައިވާ ހައްގެކޭ ބުނުމުން އެ ނިމުނީއެވެ. އެބައިމީހުން ބުނެއެވެ. "މިއީ އަހަރެންގެ ހަށިގަނޑެވެ. މިހަށިގަނޑު އަހަރެން ބޭނުން ގޮތަކަށް ބޭނުންކުރުމަކީ އަހަންނަށް ލިބިފައިވާ ހައްގެކެވެ." މި ބުނުމަކީ ތާކުންތާކު ޖެހޭ ބުނުމެއް ނޫނެވެ. ހަށިގަނޑަކީ ﷲ ގެ މިލްކެކެވެ. އެ ހަށިގަނޑު ގެންގުޅެންވީ ގޮތްތަކާއި ބޭނުންކުރެވޭނެ ގޮތްތައް އެކަލާނގެ ދީނުގައި ވަނީ ތަޙުދީދުކުރެވިފައެވެ. ހުއްދަ ކަންތައްތަކާއި ޙަރާމް ކަންތައްވަނީ ބަޔާންވެ އެންގިފައެވެ. މިފަދަ ގޮތަކަށް އެކަލާނގެ ދީނަށް ގޮންޖަހައި މުންކަރާތްތަކަށް އަރައިގަތުމަކީ ސީދާ ﷲ ތަޢާލާގެ ހައްގަށް އަރައިގަތުމެވެ. ﷲގެ ހައްގަށް އަރައިގެންފައި ތިމާއަށް ލިބިގެންވަނީ ކޮން ހައްގެއް ހެއްޔެވެ. އެއީ ތިމާ ޚަލްޤުކުރައްވައި، ރިޒުޤު ދެއްވައި އުފަންވީއްސުރެ ތިމާއަށް ލިބިފައިވާހާ ނިޢުމަތެއް ތިމާއަށް ދެއްވި އަދި ދެއްވާ ފަރާތެވެ. އެހެންކަމުން ހައްގުގެ ކާޑު ބޭނުންކޮށްގެން ވެސް މިސް ޔުނިވާސް ކީއްކުރަން މަލްޓިވާސްއެއްގައި ވެސް ބައިވެރިވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
މިފަދަ މުންކަރާތްތަކަށް އަރައިގަތުމަށް ބައެއް ދިވެހީން ހިތްވަރު ދޭކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މިސް ޔުނިވާސް 2024 ގައި ބައިވެރިވުމަށް ދިވެއްސެއް ކުރާ މަސައްކަތައް ހިތްވަރުދީ، ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓިއެއްކަމަށްވާ ދަ ޑިމޮކްރެޓްސް އިން ބަޔާނެއް ނެރުނުކަމީ، އެބައިމީހުން ކުރި ވަރަށް ލަދުވެތި ޢަމަލެކެވެ. ނުބައި ކަންކަމާއި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރު ދިނުމަކީ ކިހާ ނުބައިކަން ބޮޑުކަމެއް ހެއްޔެވެ. އޭގެ ގެއްލުން އެހާމެ ބޮޑެވެ. ދާދި އިހަކަށް ދުވަހަކު ދިވެހި ޒުވާން އަންހެނަކު ފިރިހެނަކަށް ވުމަށް ހިތްވަރު ދީ، މި ފިކުރުގެ އެތައް ބަޔަކު ކެމްޕެއިނެއް ފަށައި ކުރި ކަންތައްތަކުން ހިތްވަރު ލިބިގަނެގެން އެ އަންހެން ކުއްޖާ ފިރިހެނަކަށް ވުމަށް މަސައްކަތްފަށައި، ހަށިގަނޑުގެ ހޯމޯނުތަކާ ކުޅެ ކުރި ކަންކަމުން މޫނުގައި އިސްތަށި ފަޅައި އަޑު ބަރުވެ، މުޅި ފިޠުރަތުގެ ނިޒާމު ވަނީ ހަލާކުކޮށްފައެވެ. އަނެއްކާ ވެސް ފެނިގެން މިދަނީ ޝައިޠާނާއަށް ޗުއްޓީ ދީފައި އޭތީގެ ވަޒީފާ ބަޔަކު އަދާކުރާތަނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.
މިސް ޔުނިވާސް 2024 ގައި ދިވެއްސެއް ބައިވެރިވާން އުޅޭ ކަން ފެންމަތިވުމާއެކު ދިވެހިންގެ ވަލިއްޔުލްއަމްރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަކިނުފާނުގެ މީސްމީޑިއާގެ ރަސްމީ މަންސަތަކުގައި މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ކެބިނެޓުގެ ކަމާ ގުޅޭ ވުޒާރާކަމުގައިވާ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެހެންކަމުން މިއީ ދިވެހި ދައުލަތް ތަމްސީލުކުރުން ކަމުގައި ބުނެ ދައްކާ ވާހަކަތަކީ ވަރަށް ނާތަހުޒީބު އަދި ޒިންމާދާރުކަން ކުޑަ ބުހުތާނުތަކެކެވެ. ބޭރުގެ ކަރައެއްގައި ބާއްވާ އެއްވެސް ހަރަކާތެއްގައި މި ދައުލަތް ތަމްސީލުކުރެވޭނީ ދައުލަތުގެ ކަމާގުޅޭ އިދާރާގެ ބެލުމުގެ ދަށުންނެވެ.
މި ޤައުމުގައި ނުބައި ކަންތައްތަކަކާއި މުންކަރާތެއް ހަރުލާފައި ވާނަމަ އެކަމަކުން އަދުގެ ޖީލާއި މުސްތަޤުބަލުގެ ޖީލުތައް ރައްކާތެރިކުރަން އިސްތިރާޖީ މަސައްކަތްތަކެއް ކުރަންވީއެވެ. އެކަމާ އަޅުވައި އެހެން ނުބައި ކަންކަން އީޖާދު ކުރަންވީއެއް ނޫނެވެ. އަޅުގަނޑުމެންގެ ދަރީންނަށް އިސްލާމީ ރިވެތި އުސޫލުތައް ދަސްކޮށްދީ، އިސްލާމީ އަޚްލާޤީއްޔާތުގެ މަތީގައި މުޖުތަމައު ބިނާކުރަންވީއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްތަކައި މަސައްކަތްކުރަން ވީއެވެ. ﷲ ތަޢާލާ މި ރާއްޖޭގެ އިސްލާމީ ވަޙްދަތު ޙިމާޔަތްކުރައްވައި ދިވެހީންނަކީ އިސްލާމީ އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވެފައިވާ ބައެއްކަމުގައި ހައްދަވާށިއެވެ. އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!