ޖިންސީ ގޯނާކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮވާލައިފިއެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ލާއިންސާނީ އަމަލާއި ގުޅިގެން ޖޭޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ތުއްތު ކުއްޖާގެ ބައްޕަ ހިމެނޭގޮތަށް ދެ އަހަރު ނުވާ އެ ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުގައި ތިބި ބައެއް އެކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައިގެ ޚަބަރު ޖޭޕީއިން އަޑުއެހީ ނުހަނު ހިތާމައާއި ކަންބޮޑުވުމާއި އެކުގައި ކަމަށެވެ.
އެފަދަ ލާއިންސާނީ އަމަލު ހިންގާ މީހުން މި ދިވެހި އިސްލާމީ މުޖުތަމައުގައި މަދުން ނަމަވެސް އުޅޭކަމީ ޖުމްހޫރިޕާޓިން ނުހަނު ހިތާމަކުރާ ކަމެއްކަމަށް އެބަޔާނުގައިވެއެވެ.
އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބެ ކުދިންނަށް ދޭންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ އެފަދަ ފަރާތްތަކުން ކުރާ ހަޑި މުޑުދާރު އަމަލުތަކުން ޝިކާރަޔަކަށްވާ ކުދިންގެ ހައްޤުތައް ހިމާޔަތްކޮށް އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެބަޔާނުގައި ގޮވާލާފައި ވެއެވެ.
އެއަމަލު ހިންގި ފަރާތް ޤާނޫނުގެ ކުރިމަށްޗަށް ހާޟިރުކޮށް ޝަރުއީމަރުހަލާތައް އަވަސްކޮށް ހައްޤުވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޖޭޕީން ވަނީ ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!