ރަޝިއާގެ ރައީސް ވްލަޑިމީރު ޕުޓިން އެ ގައުމުގެ ނިއުކްލިއަރ ބާރުތަކުގެ ތަމްރީނެއް ފައްޓަވައި ދެއްވައިފިއެވެ.
މި ތަމްރީނަކީ ޔުކްރެއިންގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކާއި ރަޝިއާއާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި ކުރިއަށްގެންދާ ތަމްރީނެކެވެ.
އަންގާރަ ދުވަހު މި ތަމްރީން ފެށުމަށްފަހު ޕުޓިން ވިދާޅުވީ، "ބޭރުގެ އާ ނުރައްކާތަކާއި ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޒަމާނީ އަދި ބޭނުންކުރަން ތައްޔާރަށް ހުންނަ އިސްތިރާޖީ ބާރުތަކެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޓީވީގައި ދެއްކި މަންޒަރުތަކެއްގައި، ދިފާއީ ވަޒީރު އަންދްރެއި ބެލޯސޮވް ޕުޓިންއަށް ވިދާޅުވީ މި ތަމްރީނުގެ މަޤްޞަދަކީ "ދުޝްމަނުން ނިއުކްލިއަރ ހަމަލާއެއް ދިނުމުން އެއަށް ޖަވާބު ދިނުމުގެ ގޮތުން ސްޓްރެޓެޖިކް އޮފެންސިވް ބާރުތަކުން ބޮޑު ނިއުކްލިއަރ ހަމަލާއެއް ދިނުމުގެ ތަމްރީނެއް" ކަމަށެވެ.
މި ތަމްރީނުގައި ރަޝިއާގެ މުޅި ނިއުކްލިއަރ "ޓްރައިޑް" ބައިވެރިވިއެވެ. މީގެ ތެރޭގައި ބިމުން، ކަނޑުން އަދި ވައިގެ މަގުން ދޫކުރާ މިސައިލްތައް ހިމެނެއެވެ.
ޔާރްސް އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ރަޝިއާގެ ޕްލެސެޓްސްކް ކޮސްމޮޑްރޯމްއިން ދޫކޮށް ކަމްޗަޓްކާއަށް އަމާޒުކުރިއެވެ. އަދި ސަބްމެރީންތަކުން ސިނެވާ އަދި ބުލާވާ ބެލިސްޓިކް މިސައިލްތައް ދޫކުރިއެވެ. މީގެ އިތުރުން ސްޓްރެޓެޖިކް ބޮންއަޅާ މަތިންދާބޯޓުތަކުން ކްރޫޒް މިސައިލްތައް ދޫކުރިކަމަށް ދިފާއީ މިނިސްޓްރީން ބުނެފައިވެއެވެ.
މި މިސައިލް ތަމްރީނަކީ ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ނާޒުކު ދަނޑިވަޅެއްގައި ކުރިއަށްގެންދިޔަ ތަމްރީނެކެވެ. މީގެ ކުރިން ހަފްތާތަކެއްގައި ރަޝިއާއިން ވަނީ ހުޅަނގުގެ ގައުމުތަކަށް އިޝާރާތްކޮށް، އެމެރިކާ އާއި އެ ގައުމުގެ އެކުވެރިން ކީވްއަށް ދުރަށް ދަތުރުކުރާ މިސައިލްތައް ރަޝިއާގެ އެތެރެއަށް ހަމަލާ ދިނުމަށް ބޭނުންކުރަން ހުއްދަ ދީފިނަމަ، އެކަމަށް ޖަވާބު ދޭނެކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!