އިސްރާއީލުން ހަމާސް އަދި ހިޒްބުﷲއާ ދެކޮޅަށް ދެމުންދާ ހަމަލާތަކަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވާ ވާހަކަ ވިދާޅުވެފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ.
މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ކުރެއްވި ފޯނު މަޝްވަރާއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ "ކުރަންޖެހޭ ކަމެއް ކުރަމުން ގެންދާށޭ" ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ. މި މަޢުލޫމާތު ދީފައިވަނީ އެ މަޝްވަރާއާ ގުޅޭގޮތުން މަޢުލޫމާތު އެނގޭ 6 ފަރާތެއް ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
އޮކްޓޯބަރު މަހު ނަތަންޔާހޫއާއެކު މަދުވެގެން ދެ ފަހަރު ވާހަކަދެއްކެވި ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ.
މި މަހު ޓްރަމްޕް އަދި ނތަންޔާހޫއާއެކު ކުރެވުނު ފޯނު މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެންނެވި އެމެރިކާގެ ސެނެޓަރު ލިންޑްސޭ ގްރަހަމް ވިދާޅުވެފައިވަނީ، ޓްރަމްޕް ސީދާ ކުރަން ވިދާޅުވީ ކޮންކަމެއްކަމެއް ނަތަންޔާހޫ ގާތުގައި ވިދާޅުނުވާކަމަށެވެ. ނަމަވެސް އެހަމަލާތަކަށް ޓްރަމްޕް ތާއީދުކުރައްވާކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.
މި ފޯނު މަޝްވަރާތަކާ ގުޅޭގޮތުން ނަތަންޔާހޫގެ ލަފާދޭ ފަރާތަކުން އެއްވެސް ކޮމެންޓެއް ދޭން އިންކާރުކުރެއްވިކަމަށް މި ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
2023 އޮކްޓޯބަރު 7 ގައި ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ، އިސްރާއީލުގެ 765 ސިފައިން މަރުވެ، 5,087 ސިފައިންނަށް އަނިޔާވެފައިވާކަމަށް އިސްރާއީލު ސިފައިންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ހަމާސްއިން ދިން ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 42,800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!