ގޫގުލް ޑީޕްމައިންޑުން އެ ކުންފުނީގެ އޭއައި ވޯޓަރމާކިންގ ޓޫލް، ސިންތްއައިޑީ، އޯޕަން ސޯސްކޮށްފިއެވެ. މި ޓޫލް އާންމުކުރި ކަމަށް އެ ކުންފުނިން އިއުލާނުކޮށްފައިވަނީ އޮކްޓޯބަރ 23 ވަނަ ދުވަހުއެވެ.
ގޫގުލްގެ ޖެމިނައި ޗެޓްބޮޓްގައި ބޭނުންކުރަމުންދާ މި ޓޫލްގެ މައިގަނޑު މަޤްޞަދަކީ އޭއައި އުފައްދާ ކޮންޓެންޓްތަކާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމެވެ. މިގޮތުން، އުފައްދާ ލިޔުންތަކުގައި ވޯޓަރމާކެއް ހިމެނުމަށް ވަނީ މަސައްކަތްކޮށްފައެވެ.
މި ވޯޓަރމާކިންގ އުކުޅު ބޭނުންކޮށްގެން ލިޔުން އުފެއްދުމާއެކު، ފެންނަން ނެތް "ސްޓެޓިސްޓިކަލް ސިގްނޭޗަރ" އެއް ލިޔުމުގައި ހިމެނެއެވެ. މިކަމުގެ ސަބަބުން ކުންފުނިތަކަށާއި، ތައުލީމީ ދާއިރާގެ ފަރާތްތަކަށާއި، ސަރުކާރުތަކަށް އޭއައި އިން އުފެއްދި ކޮންޓެންޓެއްކަން ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ.
މި ޓޫލް އާންމުކޮށްފައިވަނީ އޭއައި ގެ ހާމަކަން ބޮޑުކުރުމަށާއި ޖަވާބުދާރީވުން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. ޚާއްޞަކޮށް ދޮގު މައުލޫމާތު ފެތުރުމާއި، އިމްތިހާނުތަކުގައި މަކަރުހެދުމާއި، ޕްލޭޖަރައިޒްކުރުން ފަދަ ކަންކަމާ ގުޅިގެން މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލެވިފައެވެ.
ޓެކްސަސް ޔުނިވަރސިޓީގެ ސްކޮޓް އެރޮންސަން ވިދާޅުވި ގޮތުގައި އެއްވެސް ވޯޓަރމާކިންގ އުކުޅެއް ސަތޭކަ އިންސައްތަ ރައްކާތެރިއެއް ނޫނެވެ. އެހެންނަމަވެސް، މިފަދަ އުކުޅުތަކުން އޭއައި އުފައްދާ ދޮގު މައުލޫމާތާއި، އިމްތިހާނުތަކުގައި މަކަރުހެދުން ފަދަ ކަންކަން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!