އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ކުރިމަތިވެއްޖެއެވެ.

މި ތުހުމަތު ކުރަނީ ކުރީގެ މޮޑެލެއް ކަމަށްވާ ސްޓޭސީ ވިލިއަމްސްއެވެ. އޭނާ ބުނާ ގޮތުގައި 1993 ވަނަ އަހަރު ޓްރަމްޕް ޓަވަރުގައި ބޭއްވުނު ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އޭނާގެ ގައިގައި އަތްލާ ޖިންސީ ފުރައްސާރަ ކޮށްފައެވެ.

Ad
rt

ގާޑިއަން ނޫހުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، ވިލިއަމްސް އާއި ޓްރަމްޕް ފުރަތަމަ ދިމާވީ 1992 ވަނަ އަހަރުގެ ކްރިސްމަސް ޕާޓީއެއްގައެވެ. އެ ދުވަސްވަރު ވިލިއަމްސް އާއި ޖެފްރީ އެޕްސްޓީން ގުޅުމެއް އޮތް ކަމަށް ބުނެއެވެ. އަދި އެޕްސްޓީން މެދުވެރިކޮށް ވިލިއަމްސް ޓްރަމްޕާ ބައްދަލުކުރިއެވެ.

ވިލިއަމްސް ބުނާ ގޮތުގައި 1993 ވަނަ އަހަރު ނިއު ޔޯކުގައި ހިނގާލަމުން ދަނިކޮށް އޭނާއާާއި އެޕްސްޓީން ވަނީ ޓްރަމްޕް ޓަވަރަށް ގޮސްފައެވެ. އެތަނުގައި ޓްރަމްޕާ ބައްދަލުވުމަށްފަހު ކުއްލިއަކަށް ޓްރަމްޕް އޭނާ ގާތަށް ދަމާލައި، އޭނާގެ މޭމައްޗާއި އުނަގަނޑު އަދި ފުރަގަހަށް އަތްލާފައިވާ ކަމަށް ވިލިއަމްސް ބުނެއެވެ. އަދި މިކަން ހިނގަމުންދިޔައިރު ޓްރަމްޕާއި އެޕްސްޓީން ހިނިތުންވެފައި ތިބި ކަމަށްވެސް އޭނާ ބުނެއެވެ.

މި މައްސަލައިގެ ތަފްސީލުތައް ވިލިއަމްސް ހާމަކުރީ "ސަވައިވާސް ފޯ ކަމާލާ" ނަމަކަށް ކިޔާ ގްރޫޕަކުން ބޭއްވި ޒޫމް ކޯލެއްގައެވެ. މި ގްރޫޕަކީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމާލާ ހެރިސްއަށް ތާއީދުކުރާ ގްރޫޕެކެވެ.

ނަމަވެސް ޓްރަމްޕްގެ ކެމްޕޭން ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް މި ތުހުމަތުތައް ދޮގުކުކޮށްފައިވެއެވެ. އޭނާ ބުނީ މިއީ އިންތިޚާބާ ކައިރިވަމުން އަންނަ ދަނޑިވަޅެއްގައި ހެރިސްގެ ކެމްޕޭނުން ހަދާފައިވާ ދޮގު ވާހަކައެއް ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނަކީ ޑޮނަލްޑް ޓްރަމްޕާއި ކަމާލާ ހެރިސްއެވެ.