ތުރުކީގެ ވެރިރަށް އަންކާރާންކާރާގައި ހުރި ޓާކިޝް އެއަރޯސްޕޭސް އިންޑަސްޓްރީޒް (ޓީއޭއައި) ގެ މަރުކަޒަކަށް ޓެރަރިސްޓް ހަމަލާއެއް ދީފިކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ހާމަކޮށްފިއެވެ.

މި ހަމަލާގައި 3 މީހުން މަރުވެ އަދި 5 މީހަކު ޒަޚަމްވެފައިވާކަމަށް ތުރުކީގެ އިންޓީރިއަރ މިނިސްޓަރ އަލީ ޔަރްލިކާޔާ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ބަޔާނެއް ނެރެ ހާމަކޮށްފައެވެ. އޭނާ ވަނީ އާންމު ރައްޔިތުންނަށް އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ރަސްމީ ފަރާތްތަކުން ނެރޭ ބަޔާންތަކަށް ބަރޯސާވުމަށް ގޮވާލާފައެވެ.

Ad
rt

ތުރުކީގެ އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މެހްމެޓް ފަތިހް ކަޖިރް ވިދާޅުވީ، ތުރުކީ ޑިފެންސް އިންޑަސްޓްރީ އަދި "ނޭޝަނަލް ޓެކްނޮލޮޖީ އިނީޝިއޭޓިވް" ގެ ދަތުރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. "ޓެކްނޮލޮޖީ އިނީޝިއޭޓިވް އަދި އަހަރެމެންގެ ޑިފެންސް އިންޑަސްޓްރީއަކީ ފުރިހަމައަށް މިނިވަން ތުރުކީގެ ކީއެއް،" އޭނާ ވިދާޅުވިއެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރުވެސް މި ހަމަލާ ކުށްވެރިކުރައްވައި، ވިދާޅުވީ މި ޣައްދާރު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަންކާރާ ޗީފް ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ތަޙުޤީޤެއް ފަށައިފައިވާއިރު، މި މައްސަލައަށް އެއް ޗީފް ޕްރޮސެކިއުޓަރާއި އަށް ޕަބްލިކް ޕްރޮސެކިއުޓަރުން ވަނީ ޢައްޔަންކޮށްފައިވާ ކަމަށެވެ.

ބުދަ ދުވަހު އަންކާރާގެ ކަހްރަމަންކަޒަން ސަރަހައްދުގައި ހުރި ޓާކިޝް އެއަރޯސްޕޭސް އިންޑަސްޓްރީޒްގެ މަރުކަޒުން ގޮވުމުގެ އަޑާއި ބަޑިޖެހުމުގެ އަޑު އިވިފައިވެއެވެ. މި ސަރަހައްދަށް ސެކިއުރިޓީ ބާރުތަކާއި، ފަޔަރ ފައިޓަރުންނާއި، ޕެރަމެޑިކުން ވަނީ ފޮނުވިފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ޑިފެންސް ކުންފުނީގެ މުވައްޒަފުން ވަނީ ޝެލްޓަރތަކަށް ބަދަލުކުރެވިފައެވެ.