މަގުމަތިން ބުޅާ ހިފައި، އެ މަރައި، އޭގައި ކާބޯތަކެތި ތައްޔާރުކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ޑީޕޮޓްކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤުގައި، ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެނިފައެއް ނުވެއެވެ.
"މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ފުލުހުން ކުރަމުން ދިޔަ ތަޙުޤީޤު ވަނީ ނިންމާލާފަ"
މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮގަސްޓްމަހުގެ 22 ވަނަ ދުވަހު ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ އަރަފާތުގެ ބަދިގެއިން ސާމްޕަލް ނެގުމަށް ފަހު އެތަން ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް އެތަނުގައި ބުޅާ މަސް ހުރިތޯ ނުވަތަ ނޫންތޯ ހާމަކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އެ މީހާގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައި ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުން ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެމްޑީ އަރަފާތު ހޮސައިން ކިޔާ މީހަކު ބުޅާ މަރައި، އޭގެ މަހުން ކައްކައިފައިވާ ކާތަކެތި ވިއްކާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!