ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަރީފް ހަމަޖައްސައިފިއެވެ.

މިއާއިއެކު ޝަރީފް ވެގެންދާނީ އެ ކުންފުނީގެ ސީއީއޯގެ މަގާމު ފުރާ ފުރަތަމަ ދިވެހި ރައްޔިތަށެވެ.

Ad
rt

ޤައުމީ ބޭންކުން ވަނީ އެކަން ފާހަގަކޮށް ޝަރީފަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ޝަރީފް ވަނީ ކުރިން ދިގު މުއްދަތަކަށް ބޭންކުގައި ޚިދުމަތް ކުރަށްވާފައެވެ. 2020 ވަނަ އަހަރު އޭނާ ބޭންކްގެ ޚިދުމަތުން ވަކިވެވަޑައިގަތް އިރު ހުންނެވީ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. އަދި ލަންޑަން ބިޒްނަސް ސްކޫލްއިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރައްވާފައެވެ.

ބީއެމްއެލްގެ ސީއީއޯ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކަ 8 ސެޕްޓެމްބަރު 2024 ގައި އިސްތިއުފާ ދެއްވުމުންމެވެ.

ކާލް ސްޓުމްކަ އެ މަޤާމުން އިސްތިއުފާ ދެއްވީ ބޭންކާ ދެކޮޅު ފަރާތްތަކުން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަމުން ދަނިކޮށެވެ.