ސިނަމާލޭ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލް ދުއްވަން ދިން މީހާ، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލް ދުއްވާފައި ދިޔަ މީހަކު ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދީގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

Ad
rt

އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ސައިކަލުގެ ކުރިއަށް ކުޑަ ކުއްޖަކު ލައިގެން ދުއްވާފައި ދާއިރު އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އިން މަންޒަރެވެ. އެކުއްޖާ އިނީ ސްކޫލެއްގެ ޔުނީފޯމްގައި ކަމަށް ވެސް ވީޑިއޯ ބެލުމުން ބެލެވެއެވެ.

މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމުން އެ ސައިކަލް ދުއްވި މީހާ އިއްޔެ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

''އަދި އޭނާ ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން'' ފުލުހުން ބުނެފަވެއެވެ.

މީގެ އިތުރުން އެމީހާ ޓްރެފިކް ގާނޫނާ ހިލާފުވި މައްސަލާގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެފަވެއެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.