ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ފަސޭފަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ބާސާއިން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ރަފީނިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލެވެންޑޯސްކީ ޖަހައިދިން އިރު ދެވަނަ ލަނޑު 22 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ވެސް ޖަހާފައި ވަނީ ރަފީނިއާގެ އެހީތެރިކަމާއި އެކުއެވެ. ބާސާގެ ތިންވަނަ ލަނޑު 32 ވަނަ މިނެޓުގައި ޖަހައި ލެވަންޑޯސްކީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ އެރިކް ގާސިއާގެ އެހީތެރިކަމާއި އެކުއެވެ.

Ad
rt

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ސެވިއްޔާއިން ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއިން ރެއާލް ބެޓިސް ބަލިކޮށްފައެވެ.

ރެއާލް ސޮސިއެޑާޑް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ގްރީޒްމަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ހޫލިއަން އަލްވަރޭޒް ލަނޑުޖަހައި އެތުލެޓިކޯއަށް ލީޑު ނަގައިދިނެވެ. ސޮސިއެޑާޑުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައިވަނިކޮށް ސުސިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ނަތީޖާތަކާއިއެކު ކުޅުނު 9 މެޗުން 24 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ބާސާއެވެ. ދެވަނާގައި ރެއާލް އޮތީ 9 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް އެތުލެޓިކޯއަށާއި ހަތަރުވަނާގައި އޮތް ވިޔަރެއާލަށް 9 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.