ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ޒަޚަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ރޭ ފަތިހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބެލިބެލުމުން އެމީހާއަކީ ތިލަމާލެ ބްރިޖްގެ މަޝްރޫޢު ހިންގާ އެފްކޮންސްގެ މުވައްޒަފެއްކަން އިނގިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެފްކޮންސް އަކީ، ވިލިމާލެ- ތިލަފުށި- ގުޅިފަޅު- މާލެ ގުޅައިލާ ތިލަމާލެ ބްރިޖާއި އައްޑޫގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެއީ އިންޑިއާގެ ކުންފުންޏެކެވެ.

ބްރިޖު ހެދުމުގެ މަސައްކަތުގައި ވެސް މައިގަނޑުގޮތެއްގައި އުޅެނީ އެ ކުންފުނީގެ އިންޑިއާ މުވައްޒަފުންނެވެ. ނަމަވެސް މަރުވީ ކޮން ޤައުމެއްގެ މީހެއްކަމެއް، އެ މަރާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.