އޮސަސޫނާ އަތުން ބަލިވެ ލީގުގައި ބާސެލޯނާއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.
ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ބާސާގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގެ ލީގުގައި ބާސާއަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ.
އޮސަސޫނާއިން ވަރުގަދަކޮށް މެޗު ފެށިއިރު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއިއެކުއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ފޯވަޑް އެންޓޭ ބުޑިމިރް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ޖަހައިދިނީ ބްރަޔަން ޒަރަގޯޒާއެވެ.
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބާސާގެ ލެމީން ޔަމާލްއާއި ރަފީނިއާ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ. ދެ ލަނޑުން ފަހަތުގައި އޮވެ ބާސާއަށް ދެވަނަ ހާފު ފަށަން ޖެހުނުއިރު، އެ ޓީމުން ވަނީ ދެވަނަ ހާފުގައި އެޓޭކް ވަރުގަދަ ކުރުމަށް މި ދެ ކުޅުންތެރިން ކުޅެން ނެރެފައެވެ.
މި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ޖަހައިދިނީ ޕައު ވިކްޓަރއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޮސަސޫނާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މި ލަނޑާއިއެކު ބާސާއަށް އުންމީދެއް ލިބުނު ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި އޮސަސޫނާއިން އުފެއްދި ކައުންޓަ އެޓޭކެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭ ބާސާގެ ޑިފެންޑަރ ސާޖީ، އޮސަސޫނާގެ ބުޑިމިރް އަށް ކުރި ފައުލަކާއި ގުޅިގެން އޮސަސޫނާއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީ އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ވެސް އޭނާއެވެ.
އޮސަސޫނާގެ ހަތަރުވަނަ ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދިނީ އަބެލް ބްރެޓޮންސްއެވެ. ބާސާގެ ދެވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ ލެމީން ޔަމާލްއެވެ.
މެޗުން ބަލިވި ނަމަވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ބާސާއެވެ. އެ ޓީމަށް 8 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 7 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ހަތް 7 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.
ރެއާލާއި އެތުލެޓިކޯ މިރޭ ލީގުގައި ވާދަކުރާއިރު މެޗުން މޮޅުވެގެން ބާސާއާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލުމުގެ ފުރުސަރު ރެއާލަށް އެބައޮތެވެ. މި މެޗު ކާމިޔާބުކޮށް ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެތުލެޓިކޯއަށް ވެސް ވަނީ ތަނަވަސް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!