އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
މި މެޗު އެއްވަރުވުމާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ސިޓީއަށް ގެއްލުމުގެ ބިރާއި ވަނީ ކުރިމަތިވެފައެވެ. ކުޅުނު 6 މެޗުން 14 ޕޮއިންޓް ހޯދައިގެން ސިޓީ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ލިވަޕޫލަށާއި ތިންވަނާގައި އޮތް އެސްޓަން ވިލާއަށް ވަނީ 5 މެޗުން 12 ޕޮއިންޓް ލިބިފައެވެ.
މިރޭ ލިވަޕޫލާއި ވުލްވްސް ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެ ޓީމަށް ޕޮއިންޓް ތާވަލުގައި ސިޓީއަށް ވުރެ ކުރިއަށް ޖެހިލެވޭނެއެވެ. މާދަމާ އެސްޓަން ވިލާ ރަށުން ބޭރުގައި ނުކުންނާނީ އިޕްސްވިޗް ޓައުންއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށް ސިޓީއަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުސަތު އެސްޓަން ވިލާއަށް ވެސް ވަނީ ތަނަވަސް ވެފައެވެ.
ސިޓީއާއި ނިއުކާސަލްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި އޭރިއާތެރެއިން ގްރީލިޝް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ބޯޅަ ގޯލުގެ ދުރުކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ގްވާޑިއޯލް އެވެ.
ނިއުކާސަލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެންތަނީ ގޯޑޮން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނިއުކާސަލަށް މި ޕެނަލްޓީ ލިބިފައި ވަނީ އޭރިއާތެރެއިން ސިޓީގެ ކީޕަރ އެޑަސަން ނިއުކާސަލްގެ ގޯޑޮން އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!