ޅ. އަތޮޅު ހިންނަވަރާއި ނައިފަރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

ހިންނަވަރާއި ނައިފަރުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި

މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވެއެވެ.

މި އޮަޕަރޭޝަންގެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމްކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާފައިވާކަމަށް ބެލެވޭ، 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން

  • ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / އަގީދުގެ،
  • އަޙްމަދު މުޙައްމަދު (36އ)، ޅ. ހިންނަވަރު / މިދިލިމާގެ،
  • ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ނައިފަރު / ޑޭޒީހިޔާ،
  • މުޙައްމަދު އިރުޝާދު (35އ) ޅ. ހިންނަވަރު / ފެހިގެ،
  • ފާޠިމަތު ރީމާ (44އ) އދ. މަހިބަދޫ / ކުޅިބަލާގެ،

މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް، ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި ފަސްމީހުންގެ އިތުރުން ވެސް އިތުރު މީހުން ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.