ދިވެހިރާއްޖެއާއި މެލޭޝިޔާ ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ.
މި އެއްބަސްވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ. މި އެއްބަސްވުމުގައި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާބެހޭ ވުޒާރާއިން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ 561 ދަރިވަރުންނަށް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބިގެންދާަނެއެވެ.
މި ފުރުސަތުތައް މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން އުނގެނުމުގެ މަގު ފަހިވެގެންދާަަނެކަމަށް މަތީ ތައުލީމާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ 14 ކޮލެޖް/ޔުނިވަރސިޓީއެއްގައި މަތީ ތަޢުލީމް ހާސިލް ކުރުމަށް ތަފާތު ދާއިރާތަކުން 561 އަށްވުރެ ގިނަ ޕްރޮގްރާމުތަކުން %100-2 އާއި ދެމެދުގެ ޓިއުޝަންފީ އަށް ޑިސްކައުންޓް ލިބޭނެކަމަށް ވެސް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގެ ދަށުން ލިބޭ ސްކޮލަރޝިޕް ފުރުޞަތުތަކުގެ އިތުރުން އެކަޑަމިކް ސްޓާފުން ބަދަލުކުރުމާއި، ޖޮއިންޓް ރިސަރޗް އާއި ޕަބްލިކޭޝަންތަކާއި، ކުރުމުއްދަތުގެ ޓްރެއިނިންގތަކާއި، އިދާރީ އަދި މެނޭޖްމެންޓް ޕްރޮގްރާމްތަކުގެ އިތުރުން މާސްޓަރސް އަދި ޕީއެޗްޑީ ހައްދަވާފައިވާ ނުވަތަ ހައްދަވަމުންދާ ބޭފުޅުންނަށް ފެލޯޝިޕްގެ ފުރުޞަތު ވެސް ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގެ މަޤްސަދަކީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ޤައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮއްދިނުމެވެ. އެގޮތުން، މި އެއްބަސްވުމުގައި ބަޔާންކޮއްފައިވާ މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ (ޑިސްކައުންޓް) ފޯރުކޮއްދިނުމަށް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!