ސްޕެނިޝް ލަލީގައި ރޭ ބާސެލޯނާއާއި ވަލަޑޮލިޑް ބައްދަލުކުރި މެޗު، ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ވަލަޑޮލިޑް ބަލިކޮށްފައެވެ.
މިއީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހު ޑިޕޯޓިވޯ އަތުން 8-0 ނަތީޖާއިން މޮޅުވި މެޗަށް ފަހު އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބާސާ މޮޅުވި މެޗެވެ. ރޭ މެޗުގެ ނަތީޖާއިން 2014 ވަނަ އަހަރު އަމިއްލަ ދަނޑުގައި ބާސާއިން ވަނީ އޮސަސޫނާގެ މައްޗަށް ވެސް ކުރި ހޯދާފައެވެ.
ރޭ މެޗުގައި ބާސާގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ކުޅުމެކެވެ. އަވަސް ޕާސްތަކާއިއެކު ބާސާގެ އަސްލު ސްޓައިލް ވަރަށް ފުރިހަމައަށް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ކުބާސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލެވަންޑޯސްކީ ވަނީ ލަނޑު ޖަހާފައެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ކޫންޑޭ ވަނީ ބާސާއަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފުގައި ބާސާއިން ހަތަރު ލަނޑު ކާމިޔާބު ކުރިއެވެ. ޓީމްގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑުޖަހައި ރަފީނިއާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ އޭނާ ބާސާގައި ހެދި ފުރަތަމަ ހެޓްރިކެވެ. ބާސާގެ ހަވަނަ ލަނޑު ފެރާން ޓޯރޭސްގެ އެހީތެރި ކަމާއިއެކު ޖެހީ ޑެނީ އޮލްމޯއެވެ. މިއީ އޭނާ ބާސާއަށް ޖަހައިދިން ދެވަނަ ލަނޑެވެ. ހަތްވަނަ ލަނޑު 85 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފެރާން ޓޯރޭސްއެވެ.
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހައިގެން 1-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައި ވަނީ އެތުލެޓިކޯ މެޑްރިޑުންނެވެ.
ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ބާސާއެވެ. ދެވަނާގައި 8 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނާގައި އޮތީ ވިޔަރެއާލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!