އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާނުން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި 209 ޒުވާނަކު ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޙާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ.

މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފް، ސްޓޭޓު މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންއެވެ.

Ad
rt

ވަޒީރު ވިދާޅުވި ގޮތުގައި މި ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގުރާމު ފުރިހަމަކޮށްފައިވާކަމަށާއި، މީގެން އެނގިގެންދަނީ މި ޕްރޮގުރާމަކީ މުޖުތަމަޢުއަށް ބޭނުންތެރި ޕްރޮގުރާމެއްކަމެވެ.

އަދި މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، މި އަމާޒު ޙާސިލްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޒުވާން ޚަޠީބުންނަށް ނަޞޭޙަތްތެރިވަމުން ވިދާޅުވީ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށެވެ.

މީގެއިތުރުން، ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗު ވަރަށް އަވަހަށް ފެއްޓުމަށް ނިންމާފައިވާކަންވެސް ވަޒީރު މިއަދު އިޢުލާން ކުރެއްވިއެވެ.