ދީނީ އެކިކަންކަމަށް އެހީވުމަށް، އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ލޯންޗުކޮށްފިއެވެ.

މި ޚިދުމަތް ލޯންޗުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

Ad
rt

މި އައު ޚިދުމަތާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ޚާއްޞަ ޕޭޖެއް ޤާއިމްކޮށްފައިވެއެވެ. މި ޕޭޖް މެދުވެރިކޮށް، ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމާއި، މިސްކިތް ބިނާކުރުމަށް އެހީވުމާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުމަށް ފަންޑު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޑރ. ޝަހީމް ޞަދަޤާތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި އައު އޮންލައިން ޚިދުމަތަކީ ޞަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރު އެދިވަޑައިގަތެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި މިކަމަށްޓަކައި ޤާއިމްކޮށްފައިވާ ޕޭޖުން https://islamicaffairs.gov.mv/donate ޞަދަޤާތްތަކާއި ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ޤާއިމްކުރާ މިސްކިތްތަކުގެ މަޢުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މި އައު ޚިދުމަތް ތަޢާރަފުކުރުމާއެކު، ދިވެހިރާއްޖޭގައި ދީނީ ކަންކަމަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރުމުގެ މަގު ތަނަވަސްވެގެން ދާނެކަމަށް ބެލެވެއެވެ.