ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ އާދީއްތަ ދުވަހު އެ ބޭންކުން ނިންމާފައިވާ ނިންމުންތަކުގެ ފަހަތުގައި އޮތީ އިދިކޮޅު އެމްޑީޕީކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރޭ ތުހުމަތުކުރަށްވައިފިއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އާދީއްތަ ދުވަހު ގެންނަން އުޅުނީ މާލީ ބަޣާވާތެކެވެ.
ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ''ކަރުގައި ހިފަން'' އެ ނިންމި ނިންމުން ނިންމިއިރު، އެމްޑީޕީން ތިބީ ޕްރެސްކޮންފަރެންސްގައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އެއީ އިއްތިފާގެއް ނޫންކަމަށާއި، އަދި އެއީ އިންތިޒާމް ކުރެވިގެން އަދި ރޭވިގެން ހިންގަން އުޅުން ބަޣާވާތެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ މިއަދު ރައީސް ކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަން އެމްޑީޕީއަށް ނޭނގޭ ކަމަށެވެ. އަދި މިއަދުގެ ރައީސްކަމުގައި ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަންކަން ކުރައްވަން، ނުވަތަ ކަންކަމާއި ކުރިމަތި ލައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނާއި ގައުމަށް ދެރަވާނެ އެއްވެސް ކަމެއް ކުރައްވާނެ ވެރިއެއް ނޫނެވެ. އަދި އެފަދަ ކަމެއް ކުރައްވަން ޖާގަވެސް ދެއްވާނެ ވެރިއެއް ބެސް ނޫނެވެ. ރައީސް އިއްޔެ ސާބިތުކޮށްދެއްވީ އެކަން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އިއްޔެ ހިންގަން އުޅުނު ބަޣާވާތުން ދިވެހި ގައުމާއި، ރައްޔިތުން ސަލާމަތް ކުރެއްވުމަށް ރައީސް މުޢިއްޒު ކުރެއްވި މަސައްކަތްޕުޅު ގާތުން ދެކެވަޑައިގަތް މީހެއްގެ ހައިސިއްޔަތުން، ރައްޔިތެއްގެ ހައިސިއްޔަތުން ރައީސަށް ޝުކުރުދަންނަވާކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ ކެމްޕެއިންގައި ރައީސް ދެއްކެވީ ހަމައެކަނި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ޢަމަލުފުޅުންވެސް ދައްކަވާނެ ކަންކަންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!