މާލޭގައި ނުސާފުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ އިތުރު ތަނެއް ރެއިޑްކޮށް، އެތަނުން 15 ބިދޭސީއަކު މިއަދު ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސާފުތާހިރުކަމެއް ނެތި، ގަވާއިދާ ޚިލާފަށް ބިދޭސީންތަކެއް ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިއަކާ ގުޅޭ މަޢުލޫމާތު ޓާސްކް ފޯސްއަށް ލިބުމާ ގުޅިގެން ހ. ބިއަންކާގެ ބަލައި ފާސްކޮށްފައިވެއެވެ.

Ad
rt

މި އޮޕަރޭޝަންގައި އެ ގޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

"މި އޮޕަރޭޝަންގައި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުންވެސް ވަނީ ބައިވެރިވެފަ. އަދި މި ތަނުގައި ކުރަމުންދިޔަ ޤަވާޢިދާ ޚިލާފު ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދެވިފަ"

އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަނުން ޢާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި، އެ ގޭގެ ވަރަށް ނުސާފުތާހިރު މާޙައުލެއްގައި ހުރި މޭޒެއްގެ މަތީގައި ރިހަ އަޅާފައިވާ ތެލި، ޓައްޕު އަދި ތަބަކެއް ފެނެއެވެ. މީގެ އިތުރުން ޕްލާސްޓިކް ކޮތަޅުތަކަށް ބަތް އަޅާފައި ހުރި މަންޒަރު ވެސް ފެނެއެވެ. ބޮޑެތި އަދަދަށް ކާނާ ތައްޔާރުކުރުމަށް ބޭނުންކުރާ އުނދުނާއި ތެލިތައްވެސް އެ ގޭގެ ތެރޭގައި ހުރިކަން ފާހަގަކުރެވެއެވެ. މުޅި ތަނުގެ އެކި ހިސާބުތަކުގައި ކާނާގެ ބާވަތްތައް އެޅި، ވަރަށް ބޮޑަށް ނުސާފުތާހިރު ޙާލަތެއްގައި އޮތްކަން ފާހަގަކުރެވެއެވެ. އަދި ވަރަށް ނަޖިސްކޮށްހުރި ފާހާނާއެއްގެ ފޮޓޯވެސް ހިއްސާކޮށްފައިވެއެވެ.

ލަފާކުރެވޭ ގޮތުގައި، މިއީ ބިދޭސީންނަށް ކެއުން ތައްޔާރުކޮށްދޭ ތަނެކެވެ.