މި ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވި ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި، ޖެހި ފުރަތަމަ ގޯލާއިއެކު ރެއާލް ވަލަޑޮލިޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ރެއާލުން ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ރެއާލުން ވަނީ ރެއާލް މަޔޯކާއާއި ބައްދަލުކޮށް އެއްވަރުވެފައެވެ. މިވަގުތު ދެ މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ.

Ad
rt

މެޗު ފަށައިގެން ގޭމް އެއްކޮށް ރެއާލުން ކޮންޓްރޯލް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ މާގިނަ ހުސް ފުރުސަތުތަކެއް އެ ޓީމަށް ނުހޯދުނެވެ. ވަލަޑޮލިޑުން ދިޔައީ ރަނގަޅު ޑިފެންސެއް ކުރަމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ތެރޭ ރެއާލަށް ޖަހައިދިނީ ވަލްވަޑޭއެވެ. ވަލަޑޮލިޑްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ.

ރޭގެ ފުރަތަމަ އެގާރާގައި ހިމެނިގެން އެމްބާޕޭ ކުޅުނެވެ. ނަމަވެސް ލަނޑުޖަހާނެ ފުރުސަތެއް އޭނާއަށް މެޗުގައި ނުހޯދުނެވެ. މެޗުގެ 86 ވަނަ މިނެޓުގައި އެމްބާޕޭގެ ބަދަލުގައި ކުޅެން ނުކުތީ އެންޑްރިކެވެ. މިއީ އެންޑްރިކް ލީގުގައި ރެއާލަށް ކުޅުނު ފުރަތަމަ މެޗެވެ. ރެއާލުގެ ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ ބްރަހިމް ޑިއާޒްއެވެ.

މެޗުގެ އިތުރު ވަގުތުގައި ޑިއާޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެންޑްރިކް ވަނީ ލަނޑުޖަހައި މި ގަރުނުގައި ރެއާލަށް އެންމެ ހަގު އުމުރުގައި ލީގުގައި ލަނޑުޖެހި ކުޅުންތެރިއާގެ ޝަރަފް ހޯދާފައެވެ. އެންޑްރިކްގެ މިހާރުގެ އުމުރަކީ 18 އަހަރާއި 35 ދުވަހެވެ.

ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެތުލެޓިކޯއިންނެވެ. ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު އެތުލެޓިކޯ މިވަގުތު އޮތީ ތާވަލުގެ ތިންވަނާގައެވެ.