އޮޔާދިޔަ ލަންކާ މަސްބޯޓު ހދ. މަކުނުދޫ ފަރުމައްޗަށް އުރިއްޖެ އެވެ.
މަކުނުދޫއިން ވާހަކަ ދެއްކި ޒުވާނަކު "ތިލަދުން" އަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މި ބޯޓު އުރިފައިވަނީ ރަށުގެ ހުޅަނގުފަރާތު 5 މޭލެއްހައި ބޭރު ރަށާއި ވަރަށް ދުރުގައެވެ.
މި ބޯޓަކީ އުތުރުގެ ސަރަހައްދުން އޮޔާދިޔަ ބޯޓެކެވެ. މިއަދު މަކުނުދޫގެ ބަޔަކު ވަނީ އެ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ. އެ ފަރާތުން ބުނާ ގޮތުގައި ބޯޓުގައި ރޯމަހާއި ގިނަ އަދަދެއްގެ އައިސް ހުއްޓެވެ. އަދި އިންޖީނާއި ދިމާލުން ވަނީ ފޫގޮސްފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން މި ބޯޓު ފުންކުރުމުގެ މަސައްކަތް މާދަމާގެ ވަގުތެއްގައި އެމްއެންޑިއެފްއިން ކުރާނެކަމަށް ވެއެވެ.
އިއްޔެ އެމްއެންޑީއެފުން ވަނީ ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އޭރު އެމްއެންޑީއެފުން ބުނެފައިވަނީ މި ބޯޓު އޮޔާދަނީ ހއ. ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
މި ބޯޓަކީ އިންޖީނުގެ މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެކެވެ. ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް އެމްއެންޑީއެފުން އޭރު ވަނީ ލަފާކޮށްފައެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ކަނޑުދަތުރުކުރާ އުޅަނދުތަކުން މިކަމަށް ސަމާލުވުމަށާއި، ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!