ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް މުޅިން ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދޮގުކުރައްވައިފިއެވެ.

މިއަދު އަދަދު ނޫހުން "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!" މި ސުރުހީގެ ދަށުން ޝާއިޢުކުރި ޚަބަރަކާ ގުޅިގެން ވަޒީރު ވަނީ ޓުވިޓަރގައި މި ވާހަކަތައް ދޮގުކުރައްވާފައެވެ.

Ad
rt

ވަޒީރު ވިދާޅުވެފައިވަނީ މި ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް ކަމަށެވެ.

"ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެއްޖެކަމަށް މިއަދު ޝާއިޢުކުރި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް"

މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، ދައުލަތުގެ ރިޒާވް ހުސްވެއްޖެކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއްކަމާއި ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ނާގާބިލުކަމުން މިއަދު ކުރިމަތިވެފައި އޮތް އިޤްތިސާދީ އުނދަގޫ ހާލަތުން އަރައިގަންނަން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމުގަ އެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދަށްވަމުންދާކަމަށް ބައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވީ ނަމަވެސް، ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތު ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބަޔާންކޮށްފައެވެ. އަދި މާލީ ދަތިތައް ދިމާވަމުންދަނީ، ކުރީގެ ސަރުކާރުތަކުން މާލީ ކަންކަން އެކަށީގެންވާ ގޮތެއްގައި މެނޭޖުނުކުރެވި ލޯނުތައް ނަގާފައި ހުރުމުގެ ސަބަބުންކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ފަހަކަށްއައިސް މާލިއްޔަތު ވުޒާރާއިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ފާހަގަކުރައްވާފައިވަނީ، މަޝްރޫޢުތަކަށް ބަޖެޓު ކަނޑައެޅުމުގައި ޙަޤީޤަތާ އެއްގޮތްނުވާ އަދަދުތައް ހިމަނާފައިވާކަމަށެވެ. އަދި ބޮޑެތި ޚަރަދުތައް ހިނގާނެ މަޝްރޫޢުތަކަށް ވެސް ބޮޑެތި އަދަދުތައް ކަނޑައަޅާފައި ހުރިއިރު، މިފަދަ ކަންކަން ކުރީގެ ބަޖެޓުތަކުން ވެސް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ.