ކޮވިޑް-19 ގެ ދުވަސްވަރު އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ގެ މެމްބަރުކަން ކަމާއި، އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރގެ މަޤާމު އަދާކުރި ޑރ. އަލީ އަބްދުﷲ ލަތީފް (މ. ގައްދަޑުގެ، ކ.މާލެ) އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޑރ. އަލީ އަބްދުﷲ ލަތީފް ގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި، މަނީލޯންޑަރިންގ އަދި ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނޭކަމަށެވެ.

Ad
rt

ކޮމިޝަނުން ބުނާ ގޮތުގައި، ޑރ. ލަތީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، މި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވާފައެވެ. އަދި ޑރ. ލަތީފް މީރާއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަޙުޤީޤު ކުރުމަށް މީރާއަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން، ޑރ. ލަތީފް އާއި ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އެ ދެ ފަރާތާމެދު ފިޔަވަޅު އަޅަން ޖެހޭނަމަ އެޅުމަށްފަހު އެކަން ކޮމިޝަނަށް އެންގުމަށް ވަނީ އަންގާފައެވެ.

ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުވެސް ކުރެވެއެވެ.

ކޮވިޑް-19 ގެ ދުވަސްވަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ލެބޯޓަރީގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ މައްސަލައެއްގައި އެ ހޮސްޕިޓަލުގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅީ މިއަދު އެވެ.

ދަޢުވާކުރަން ހުށަހަޅާފައިވަނީ ޑރ. ޢަލީ ޢަބްދުﷲ ލަޠީފު (މ. ގައްދަޑުގެ، ކ.މާލެ) އިތުރުން، އައި.ޖީ.އެމް.އެޗްގެ ކުރީގެ ސީ.އީ.އޯ އިބްރާހީމް ސަލީމް (މއ.ބަންދުގެ / ކ.މާލެ،) ގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ ޢަބްދުލްމުޙްސިން (ގަހާކޯޅި / ގދ.ތިނަދޫ) ގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ދަޢުވާކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.