ކޮވިޑް-19 ގެ ދުވަސްވަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ލެބޯޓަރީގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ މައްސަލައެއްގައި އެ ހޮސްޕިޓަލުގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭސިސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި މި 3 މީހުންގެ މައްޗަށް ދަޢުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ. އަމިއްލަ މަޞްލަޙަތު ހިމެނޭ ފަރާތަކަށް (އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ކަމަށެވެ.

Ad
rt

ދަޢުވާކުރަން ހުށަހަޅާފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރުގައި އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރ އަދި އެހެނިހެން މަޤާމުތަކެއް އަދާކުރި ޑރ. ޢަލީ ޢަބްދުﷲ ލަޠީފު (މ. ގައްދަޑުގެ، ކ.މާލެ) އާއި އައި.ޖީ.އެމް.އެޗްގެ ކުރީގެ ސީ.އީ.އޯ އިބްރާހީމް ސަލީމް (މއ.ބަންދުގެ / ކ.މާލެ،) ގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ ޢަބްދުލްމުޙްސިން (ގަހާކޯޅި / ގދ.ތިނަދޫ) ގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ދަޢުވާކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.

މީގެ އިތުރުން، މައްސަލައިގެ ތަހުޤީޤުން ހޯދި ހޯދުންތަކުން ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްގެ މަނީލޯންޑަރިންގ ގެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވާފައެވެ.

އަދި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވަނީ ފޮނުވާފައެވެ.

އޭގެއިތުރުން، މި މައްސަލައިގައި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފު އަދި ޑރ.މިލްޒާ ޢަބްދުލްމުޙްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު، އެކަން މި ކޮމިޝަނަށް ހިއްސާކުރެއްވުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް(ޓެގް) ގައިވެސް ޑރ. ޢަލީ ޢަބްދުﷲ ލަޠީފު އިންނެވި އެވެ.