އައު ސީޒަންގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި އިޕްސްވިޗް ޓައުން އަތުން މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ސަލާހް އެވެ. މި ލަނޑާއިއެކު ސަލާހަށް ވެފައި ވަނީ ލީގުގެ ފުރަތަމަ މެޗުގައި އެންމެ ގިނައިން ލަނޑުޖެހި ކުޅުންތެރިޔާއަށެވެ. ފުރަތަމަ މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދަކީ 9 އެވެ. ލަނޑާއި އެސިސްޓް އެއްކޮށް ފުރަތަމަ މެޗުގައި 14 ލަނޑެއްގައި އޭނާ ވަނީ ހިއްސާވެފައެވެ.

Ad
rt

މިއީ މި ސީޒަންގައި ލިވަޕޫލްގެ ކޯޗުކަމާއި ހަވާލުވި ނެދަލެންޑްސްގެ އާނާ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

މިއީ 2002 ވަނަ އަހަރު ފަހުން އިޕްސްވިޗް ޕްރމިއާ ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ލަނޑެއް ނުޖެހުނު ނަމަވެސް އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޖޮޓާއެވެ.

ލީގުގައި ލިވަޕޫލުން ކުޅޭ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ، އެ ޓީމް ނުކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ.