ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ ތިން ހޮޓާ ތަރައްގީކޮށް އެ ތަންތަން ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ހުޅުމާލޭގެ ބެލެނިވެރިފަރާތް، ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައިވާގޮތުން މި ހޮޓާތައް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންގެ އާބަން އައިލް ގައެވެ.

Ad
rt

އެޗްޑީސީން ވަނީ އެ ސަރަހައްދުގައި މެދުފަންތީގެ ތިން ހޮޓާ އަޅައި އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައެވެ.

އެޗްޑީސީގެ އިއުލާނުގައިވާގޮތުން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލް އަށެވެ. ނަމަވެސް އެހެން މޮޑެލްތަކަށް ވެސް އީއޯއައިތައް ހުށަހެޅޭނެކަމަށް އެޗްޑީސީގެ އިއުލާންގައި ބުނެފަވެއެވެ.

މި ފުރުސަތުގެ ދަށުން އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަށްކަމަށް އެޗްޑީސީގެ ޢިއުލާންގައި ވެއެވެ.

އެ ހޮޓާ ތަރައްގީކުރަން އީއޯއައި ހުށަހަޅަން މުހުލަތު ދީފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.