ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާމީހުންނަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބު އެންމެ ހަރުކަށިކޮށް، އެފަދަ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޑްރާފްޓްކޮށްފިއެވެ.

2011 ވަނަ އަހަރު ރާއްޖޭގައި ޢަމަލުކުރަންފެށި ސްތުވާތަކެއްޗާބެހޭ ގާނޫނުގައި މިހާރު ބަޔާންކޮށްފައި އޮންނަގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

Ad
rt

މި އަދަބު މަރުގެ އަދަބަށް ބަދަލުކުރުމަށް ދާޚިލީ ވުޒާރާއިން މިހާރު ބިލެއް ޑްރާފްޓްކޮށްފައިވާއިރު، ބިލުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ވަނީ ހިމަނާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވުމަށް ދާޚިލީ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ ޤާނޫނުގައި މިހާތަނަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ މަރުގެ މައްސަލަތަކުގައެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެކުށް ސާބިތުވެއްޖެނަމަ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.