އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑާއި ބާސެލޯނާ، އެމެރިކާއަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ.

އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސާއިން ރެއާލުގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާއިން މިހާތަނަށް ކުޅުނު ދެ މެޗު ވެސް މިވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 2-2 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މޮޅުވެގެންނެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ރެއާލުން ކުޅުނު ދެ މެޗުން ވެސް މިވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އޭސީ މިލާން އަތުން ބަލިވީ 1-0 ގެ ނަތީޖާއިންނެވެ. މި ދަތުރުގައި ރެއާލުން އަދި އެއް މެޗު ކުޅޭނެއެވެ. މި މަހު ހަވަނަ ދުވަހު ރެއާލް ބައްދަލުކުރާނީ ޗެލްސީއާއެވެ.

ރޭ މެޗު ފަށައިގެން 12 މިނެޓް ކުޅުމަށް ފަހު، މޫސުން ގޯސްވެ މެޗު ހުއްޓާލަން ޖެހުނެވެ. އެއަށްފަހު މެޗު ފަށާފައި ވަނީ ގަޑިއިރެއްހާއިރު ފަހުންނެވެ.

މި މެޗުގައި ބާސާއަށް ދެ ލަނޑު ވެސް ޖަހައިދިނީ ޕައު ވިކްޓަރއެވެ. ވިކްޓަރ ވަނީ އެކުވެރިކަމުގެ މެޗުގައި ސިޓީ ކޮޅަށް ވެސް ލަނޑު ޖަހާފައެވެ. ރެއާލުގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ނިކޯ ޕަޒްއެވެ.

ރެއާލްގެ ޕްރީ ސީޒަން ޓްއާގައި ކިލިއަން އެމްބާޕޭގެ އިތުރުން ޖޫޑް ބެލިންހަމް ބައިވެރިވެފައި ނުވެއެވެ. ރޭ މެޗުގައި ދެޓީމުން ވެސް ވަނީ ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. މިގޮތުން ރެއާލުގެ ފުރަތަމަ އެގާރާގައި އާދާ ގުލާ، އެންޑްރިކްގެ އިތުރުން ބްރަހިމް ޑިއާޒް ވަނީ ކުޅެފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އަންޗެލޮޓީ ބުނީ މެޗުގެ ނަތީޖާ އޭނާއަށް އެހާ މުހިންމު ނޫން ކަމަށާއި، އެ މީހުން މަސައްކަތް ކުރަމުން އަންނަނީ އައު ސީޒަނަސް ޓީމެއްގެ ގޮތުގައި ތައްޔާރުވުމަށް ކަމަށެވެ. މަގުސަދަކީ ކުޅުންތެރިންނަށް ގިނަ ވަގުތު ކުޅުމުގެ ފުރުސަތުދީ ރަނގަޅު ހާލަތަށް ކުޅުންތެރިން ގެނައުން ކަން ފާހަގަ ކުރަމުން އޭނާ ބުނީ ޓެކްޓިކަލީ ވިސްނަން ފަށާނީ ޕްރީ ސީޒަނަށް ފަހު ކަމަށެވެ.