ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހަކު, އެ މީހުން ދަރިން ތިބޭތީ ކަމަށް ބުނެ ބަންދުން ދޫކުރަން އެދުނު ނަމަވެސް އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހުޅުމާލޭގެ ވިނަރެސް ފްލެޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ, މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ހުރި މީހެއްގެ ގައިގައި ޖެހި, ބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބުނެވެ. އެ މައްސަލާގައި ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ އެވަގުތު ކާރުގައި ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލެވެ.

Ad
rt

އޭގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމް ބަންދުކުރަން ފުލުހުން ކޯޓުގައި އެދުމުން, އެ ދެ މީހުން ބުނެފައިވަނީ އެ މީހުންގެ ދަރިން ތިބޭ ކަމަށާއި އެހެންވެ, ބަންދަށް ލުޔެއް ދިނުމަށެވެ. އަދި ކާރު ދުއްވި އިކްރާމް ބުނިގޮތުގައި އެކްސިޑެންޓަށްފަހު ސީނުން ފިލައިގެން ދިޔައީ އޭނާގެ މެޔަށް ތަދުވާތީ އެވެ. އަދި އިކްރާމުއްރަހްމާން ބުނީ އެތަނުން ދިޔައީ ފުލުހުންގެ ގާތުގައި ބުނެފައި ކަަމަށެވެ. ނަމަވެސް ފުލުހުން އެކަމަށް އިންކާރު ކުރެ އެވެ.

އަނިޔާލިބުނު މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އެ މީހުން އެކްސިޑެންޓަށްފަހު ސީނުން ފިލައިގެން ގޮސްފައިވާތީ ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދު ކުރުމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ޖިނާހްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ހުޅުމާލޭ ކޯޓުން އިތުރުކޮށް ދިނެވެ.