އެމެރިކާއިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަނގުރާމައިގެ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.
ޔޫއެސް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސްޕޯކްސްޕަރސަން ޖޯން ކާރބީ ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރާއި، ވަޒަނާއި އަދި އެހެނިހެން ހަނގުރާމަވެރި އެހީ ފޯރުކޮށްދޭން ނިންމައިފައިވާ ކަމަށެވެ.
މި އެހީ ފޯރުކޮށްދެވޭނީ ޔޫއެސް ރައީސްގެ ޑްރޯޑައުން އޮތޯރިޓީގެ ދަށުން ކަމަށާއި، މިގޮތުން ޔޫއެސްގެ މިލިޓަރީ ސްޓޮކްޕައިލްތަކުން ހަތިޔާރާއި އެހެނިހެން ތަކެތި ނެގިގެންދާނެ ކަމަށް ކާރބީ ވަނީ ބުނެފައެވެ. މީގެ ސަބަބުން އާ ހަތިޔާރު ހޯދުމުގައި ދިމާވެދާނެ ލަސްތަކެއް ކުޑަވެގެންދާނެއެވެ.
މި އެހީގެ ތެރޭގައި ވައިގެ ދިފާއީ އިންޓަރސެޕްޓަރުތަކާއި، ރޮކެޓް ސިސްޓަމްތަކާއި އާޓިލަރީއަށް ބޭނުންވާ ވަޒަނާއި، ޓޭންކް އަމާޒުކުރާ ހަތިޔާރު ހިމެނެއެވެ.
މީގެ އިތުރުން، ޕެންޓަގަނުން ވަނީ ޔޫކްރެއިން ސެކިއުރިޓީ އެސިސްޓަންސް އިނީޝިއޭޓިވް (ޔޫއެސްއޭއައި) ފަންޑުން ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި ވަޒަނާއި، އިލެކްޓްރޯނިކް ވޯފެއަރ އިކުއިޕްމަންޓް އަދި އެހެނިހެން ހަތިޔާރާއި އާލާތްތައް ހިމެނެއެވެ.
ޔޫއެސް ގަވަރންމަންޓް އެކައުންޓަބިލިޓީ އޮފީހުން 25 ޖުލައި ގައި ނެރުނު ރިޕޯޓެއްގައި ވާގޮތުން، ޔޫކްރެއިނަށް ފޮނުވާފައިވާ ހަނގުރާމައިގެ އެހީގެ އަންދާޒާތަކުގައި 2 ބިލިއަން ޑޮލަރުގެ ހިސާބުކުރުމުގެ އޮޅުމެއް ހުރިކަން ޔޫއެސް ޑިފެންސް ޑިޕާޓްމަންޓުން ވަނީ ފާހަގަކޮށްފައެވެ. މި އޮޅުމުގެ ސަބަބުން، ޔޫއެސް ރައީސް ޖޯ ބައިޑަން ކުރިން ހުއްދަދެއްވާފައިވާ އަދަދަށް ބަލާއިރު، އިތުރު 2 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމުގެ ފުރުސަތު ޑިފެންސް ޑިޕާޓްމަންޓަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!