ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މ.މއ.އަތަމާގެ، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 94 އަހަރުގައި އަތަމާ ޢަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ.
އަތަމާ ޢަބްދުއްލަޠީފަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ، ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ޚިދުމަތްތެރިއެކެވެ. ރާއްޖޭގައި ގިނަ ބަޔަކު ޙައްޖަށް ގެންގޮސްދެއްވުމުގެ މަސައްކަތް ކޮށްދެއްވާފައިވާތީ ޖަމާޢަތަށް ފައިދާހުރި ޚާއްސަ ޚިދުމަތްކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ޢާއްމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.
އަތަމާ ޢަބްދުއްލަޠީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ މުހިންމު ޙިއްސާދާރެއް ކަމަށެވެ. އެކްސްގައި ކުރެއްވި ތަޢުޒިޔާގެ ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ޤައުމަށް ކޮށްދެއްވައި، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ، ޢަބްދުއްލަޠީފް އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް ވަނީ ޢަބްދުއްލަޠީފް އަވަހާރަވުމަކީ މުޅި ޤައުމަށް ކުރިމަތިވި ހިތާމައެއްގެ ގޮތުގައި ސިފަކުރައްވާ މަރުޙޫމްގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.
"ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާ، މަޣްފިރަތާ، ރަޙްމަތުގައި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ލަހައްޓަވާށިއެވެ. އާމީން." ރައީސް ވިދާޅުވިއެވެ.
ޢަބްދުއްލަޠީފްގެ ފަސް ކައިވެންޏަށް 9 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!