އެޕަލް އިން ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ރާވަމުންދާ ކަމަށް "ދަ އިންފޮމޭޝަން" އިން ރިޕޯޓު ކޮށްފިއެވެ. މިއީ އެޕަލްގެ އެންމެ މަޤްބޫލު އުފެއްދުމުގެ ޑިޒައިންގައި ގެންނަ އެންމެ ބޮޑު ބަދަލު ކަމަށް ވެދާނެއެވެ.

ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލް އިން މި ފޯލްޑަބަލް އައިފޯނު ނެރުމަށް ރާވަމުންދަނީ ސެމްސަންގ އިން 2019 ވަނަ އަހަރު ފެށި ފޯލްޑަބަލް ސްމާޓްފޯނު މާކެޓަށް ވަދެ، އާ ކަސްޓަމަރުން ހޯދުމަށް ކަމަށް ބެލެވެއެވެ.

Ad
rt

މި މައުލޫމާތު އެނގޭ ދެ މީހަކާ ހަވާލާ ދެމުން ރިޕޯޓުގައި ބުނެފައިވަނީ އެޕަލްގެ ފޯލްޑަބަލް އައިފޯނު ވަނީ އައިޑިއާ ސްޓޭޖުން ކުރިއަށް ގޮސްފައި ކަމަށެވެ. އަދި މި އުފެއްދުމަށް ބޭނުންވާ ބައިތައް އުފެއްދުމަށް އޭޝިއާގެ ސަޕްލަޔަރުންނާ އެއްބަސުވުމެއް ހަދާފައިވާ ކަމަށާއި، މި އުފެއްދުމަށް ވީ68 ކިޔާ ކޯޑް ނަމެއް ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ފީޗަރތަކާއެކު ނެރޭ ފޯލްޑަބަލް ސްމާޓްފޯނުތަކުން އެޕަލްގެ އުފެއްދުންތަކަށް އޮތް ޑިމާންޑް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިހާރު އެޕަލް ވަނީ ޗައިނާގައި އޮނަރ އަދި ވާވޭ އާއި، ދުނިޔޭގެ އެހެން ހިސާބުތަކުގައި ސެމްސަންގ އާ ވާދަވެރި ވިޔަފާރިއެއްގައެވެ.

ސެމްސަންގ އިން މި އަހަރުގެ ޖުލައި މަހު ނެރުނު އެންމެ ފަހުގެ ފޯލްޑަބަލް ސްމާޓްފޯނުތަކުގައި ވަނީ އާ އޭއައި ފީޗަރތަކެއް ހިމަނާފައެވެ. އަދި މިއީ އެ ކުންފުނީގެ އެންމެ އަގުބޮޑު ފްލެގްޝިޕް މޮޑެލް ކަމަށްވާއިރު، ކުރީގެ މޮޑެލްތަކަށްވުރެ ލުއި އަދި ތުނި ކަމަށް ބުނެފައިވެއެވެ.

ކައުންޓަރޕޮއިންޓް ރިސާރޗްގެ މެއި މަހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ދުނިޔޭގެ ފޯލްޑަބަލް ސްމާޓްފޯން މާކެޓް ވަނީ 49 އިންސައްތަ ކުރިއަރާފައެވެ. މިއީ ވޭތުވެދިޔަ 6 ކުއާޓަރުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެވެ. އަދި މި މާކެޓުގައި ފުރަތަމަ ފަހަރަށް ވާވޭ ވަނީ ސެމްސަންގ އަށްވުރެ ކުރިއަށް ގޮސްފައެވެ.