ނުރައްކާތެރި ސައިބަރ ކްރައިމް ގްރޫޕެއްގެ ހަމަލާތައް އެކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށް އިތުރުވެއްޖެކަމަށް މައިކްރޮސޮފްޓުން ބުނެ އިންޒާރުދީފިއެވެ.

މައިކްރޮސޮފްޓްގެ ސެކިއުރިޓީ މާހިރުން ހާމަކޮށްފައިވާ ގޮތުގައި، އެންމެ ނުރައްކާތެރި ސައިބަރ ކްރައިމް ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕް ކަމަށްވާ އޮކްޓޯ ޓެމްޕެސްޓުން އެ ގްރޫޕްގެ ހަމަލާތަކުގެ ދާއިރާ އިތުރަށް ފުޅާކޮށްފިއެވެ. މިގޮތުން އެ ގްރޫޕުން މިހާރު ރެންސަމްހަބް އަދި ކިލިން ނަމަކަށް ކިޔާ ދެ ބާވަތެއްގެ ރެންސަމްވެއަރ ބޭނުންކުރަން ފަށާފައިވާ ކަމަށް މައިކްރޮސޮފްޓުން ބުނެއެވެ.

Ad
rt

މައިކްރޮސޮފްޓްގެ ސައިބަރ ސެކިއުރިޓީ ދިރާސާވެރިން އެކްސްގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޮކްޓޯ ޓެމްޕެސްޓަކީ "ވަރަށް ފުންނާބު އުސް އިޖްތިމާޢީ އިންޖިނިއަރިންގ ޓެކްނިކްތަކާއި، އައިޑެންޓިޓީ ފޭރުމާއި، ދެމިހުރުމުގެ" ޤާބިލުކަން ލިބިފައިވާ ގްރޫޕެކެވެ. އަދި މި ގްރޫޕުން އާންމުކޮށް ޓާގެޓްކުރަނީ ވީއެމްވެއަރ އީއެސްއެކްސްއައި ސަރވަރުތަކަށް ކަމަށާއި، މީގެ ކުރިން ބްލެކްކެޓް ރެންސަމްވެއަރ ބޭނުންކުރަމުން އައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި އޮކްޓޯ ޓެމްޕެސްޓުން އައު ރެންސަމްވެއަރތައް ބޭނުންކުރަން ފެށީ ބްލެކްކެޓް ރެންސަމްވެއަރ ހުއްޓާލުމާ ގުޅިގެން ކަމަށް ބެލެވެއެވެ. މިއަހަރުގެ ކުރީކޮޅު ޗޭންޖް ހެލްތްކެއަރއަށް އެއް އެފިލިއޭޓަކުން ދިން ހަމަލާއެއްގައި 22 މިލިއަން ޑޮލަރު އެކްސްޓޯޓްކުރި ނަމަވެސް، އެ ފައިސާ ލިބުނީ ބްލެކްކެޓްގެ ވެރިންނަށެވެ. އޭގެ ފަހުން ބްލެކްކެޓް ހުއްޓާލައި، އެ ފަރާތްތައް ވަނީ ފިލައިގެން ގޮސްފައެވެ.

އެ ހަމަލާ ދިން އެފިލިއޭޓަކީ މިހާރު ރެންސަމްހަބް ކަމަށްވާއިރު، އެއީ އޮކްޓޯ ޓެމްޕެސްޓުން މިހާރު ބޭނުންކުރާ ދެ ރެންސަމްވެއަރގެ ތެރެއިން އެކެކެވެ. ރެންސަމްހަބަކީ އަލަށް ފެށިފައިވާ ރެންސަމްވެއަރ ގްރޫޕެއް ނަމަވެސް، މިހާރު ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. މިގޮތުން ކްރިސްޓީސް، ރައިޓް އެއިޑް އަދި އެންއާރްއެސް ހެލްތްކެއަރއަށް ދިން ހަމަލާތަކުގެ ޒިންމާ ރެންސަމްހަބުން ނަގާފައިވެއެވެ.
މައިކްރޯސޮފްޓުން ބުނީ މި ފަދަ ހަމަލާއަކަށް ކަސްޓަމަރުން އަބަދުވެސް ތައްޔާރަށް ތިބުމަށް އިލްތިމާސްކުރާކަމަށެވެ. އެގޮތުން ޕާސްވޯޑްތައް އާކޮށް ވަރުގަދަ ކުރުމަށް އެފަރާތުން އެދެއެވެ.