މީގެ 11 އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެއްޖެ އެވެ.
ޑިސެމްބަރު، 2013 ގައި މ. އައިޝާ, ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ އެ ކޯޓުގައި އޮއްވާ އެ އޭނާއަށް މައާފް ދޭން ބޭނުންވާ ކަމަށް ހުސައިން ވަހީދުގެ މަންމަ 2022 ވަނަ އަހަރު ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އިސްލާމީ ޝަރީއަތުގެ ދަށުން އެންމެ ވާރިސަކު މައާފް ދިން ނަމަވެސް ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެތީ, އެ ކުއްޖާގެ މައްޗަށް ކަނޑައެޅި މަރުގެ އަދަބު ބާތިލްކުރީ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް އެ ކުއްޖާގެ މައްޗަށް ގާނޫނީ ގޮތުން ދެން ކަނޑައެޅޭނެ ގާނޫނީ އަދަބަކާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލްކުރީ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
މީގެކުރިން 2011 ވަނަ އަހަރު ވިލިމާލޭގައި ޒުވާނަކު މަރާލި މައްސަލާގައި މަރަން ހުކުމްކުރި މީހަކަށް، މަރުވި މީހާގެ ބައްޕަ ސުޕްރީމް ކޯޓުގައި މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވި އެވެ.
މަރުގެ އަދަބުން ސަލާމަތްވި ނަމަވެސް ގާނޫނީ އަދަބެއް ދިނުމުގެ ފުރުސަތު އޮވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!