ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް ބަލިކޮށް އިންގްލެންޑު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިންގްލެންޑުން ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ޑިފެންސަށް އިސްކަން ދީގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި އެއް ކޮޅަކަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ދެ ޓީމުން ވެސް އެޓޭކަށް އިސްކަން ދިންތަން ފެނުނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްވިޒަލެންޑެވެ. މި ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީ އެމްބޯލޯއެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ޓީމަށް ބަދަލު ގެނެސް އިންގްލެންޑުން ވަރަށް ބޮޑަށް އެޓޭކަށް އެރިއެވެ. މިގޮތުން 80 ވަނަ މިނެޓުގައި ސަކާ ވަނީ ލަނޑުޖަހައި އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭރިއާ ބޭރުން ގޯލުގެ ދުރުކަނާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. މި ދެހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ޕެނަލްޓީގައި އިންގްލެންޑްގެ ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ޕާމާ، ސަކާ، އާނޯލްޑް، ބެލިންހަމްގެ އިތުރުން ޓޯނީއެވެ. ސްވިޒަލެންޑްގެ ހަތަރު ޕެނަލްޓީގެ ތެރެއިން މިސްވީ އަކާންޒީ ފޮނުވާލި ޕެނަލްޓީއެވެ. އެ ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.
މުބާރާތުގެ ސެމީގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ މިރޭ ކުއާޓާގައި ނެދަލެންޑްސްއާއި ތުރުކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!