ޗައިނާގެ އަސްކަރިއްޔާއިން އެމެރިކާގެ އެފް-35 އަދި އެފް-22 ފައިޓަރ ޖެޓްތަކަށް ހަމަލާދޭން ތަމްރީނު ކުރަމުންދާކަން ހާމަވެއްޖެއެވެ.

ޑެއިލީމެއިލް އިން ބުނެފައިވާގޮތުން މިކަން ހާމަވެފައިވަނީ ދާދިފަހަކުން އެމެރިކާގެ އިންޓެލިޖެންސްސަށް ލިބިފައިވާ ސެޓެލައިޓް ފޮޓޯތަކަކުންނެވެ.

Ad
rt

ބީޖިންގ ސަރުކާރުގެ ފަރާތުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް، ސެޓެލައިޓް ފޮޓޯތަކުގައި ފެންނަނީ އެމެރިކާގެ އެފް-35 އަދި އެފް-22 ފައިޓަރ ޖެޓްތަކުގެ މޮޑެލްތަކެއް ކަމަށް ބެލެވެއެވެ. އަދި މި މޮޑެލްތަކުގައި ބޮޑެތި އަނދާފައިވާ ނިޝާންތަކެއް ހުރިކަންވެސް ފާހަގަކުރެވެއެވެ.

މި އަނދާފައިވާ ނިޝާންތައް ހުރީ ޕްރެސިޝަން މިސައިލްތަކުން ހަމަލާދީގެން ކަމަށް މާހިރުން ލަފާކުރެއެވެ. މިއީ ޗައިނާއިން ތައިވާނަށް ހަމަލާދޭން އުޅޭ ހާލަތެއްގައި އެމެރިކާއިން އެ ޤައުމަށް އެހީތެރިވުން ހުއްޓުވުމަށް ކުރަމުންދާ ތަމްރީނުތަކެއް ކަމަށް ބެލެވެއެވެ.

މި ތަމްރީނުތައް ކުރިއަށްދަނީ ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ ޓަކްލަމަކަން ސަހަރާގައި ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި ސަރަހައްދަކީ ޗައިނާގެ އަސްކަރީ ތަމްރީނުތައް އާންމުކޮށް ކުރިއަށްގެންދާ ތަނެކެވެ.