ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ ވަނީ ނިމިފައެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 10,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، 9,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 3500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 376 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މީގެ އިތުރުން، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1549 އަކަ މީޓަރުގެ ސަރަހައްދެއްގެ ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 40.73 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.