މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އެއީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ކައުންސިލުން އޭރު މަޝްވަރާ ކުރީ މާލޭގައި ނަމެއް ނުދީ އޮތް ދެ ގޯޅީގެ ތެރެއިން އެއް ގޯޅިއަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށެވެ.
ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ މަގަށް ފަލަސްތީން ހިނގުން ކިޔުމަށެވެ. އެ ގޯޅިއަކީ މީގެކުރިން އެއްވެސް ނަމެއް ނުދީ އޮންނަ ގޯޅިއެކެވެ.
އާޒިމްގެ އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މާލޭގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދިނުމަށް ކައުންސިލަށް ހުށަހެޅީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖޭގެ ރައްޔިތުން އަބަދު ވެސް ތިބޭނެކަން ހާމަ ކުރުމުގެ އިތުރުން ފަލަސްތީނުގެ ބިމަކީ ދިވެހީންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ދެވިފައިވާ ބިމަކަށް ވާތީ ކަމަށް ކައުންސިލުން ބުނެއެވެ.
އިސްރާއީލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ދަނީ ބޮޑެތި ގަތުލުއާންމުތަކެއް ހިންގަމުންނެވެ. މި ގަތުލުއާންމުތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 37،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 90،000 އާ ގާތްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!